ރާއްޖޭން ފެނިފައިވާ ކަމަށް މީގެ ކުރިން ރިޕޯޓްކުރެވިފައި ނުވާ ވައްތަރެއް ދޫންޏެއް ފެނިއްޖެއެވެ.

މި ދޫނި ފެނިފައި ވަނީ ލ. ހިތަދޫން ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އޭޕީއޭ) އިން ބުނެއެވެ.

އިނގިރޭސިބަހުން "ވައިޓް ސްޓޯކް"ގެ ނަންދެވިފައިވާ މި ވައްތަރުގެ ދޫނި އާންމުކޮށް ފެންނަނީ ޔޫރަޕާއި އުތުރު އެފްރިކާ އަދި މެދު އިރުމަތީގެ ގައުމުތަކުންނެވެ. ނަމަވެސް ކުރިން އުޅުނު ވަރަށް ވުރެ މިހާރު އެ ހިސާބުގައި ދިރިއުޅޭ "ވައިޓް ސްޓޯކް"ގެ އަދަދު މަދުވެފައި ވެއެވެ.

މިހާރު މި ނަސްލުގެ އެންމެ ގިނަ ދޫނި ދިރިއުޅެނީ ބޯލްޓިކް ސަރަހައްދުގެ އިތުރުން ސްޕެއިން އާއި ޕޮލެންޑުގައެވެ.

ފިނި މޫސުމުގައި ވަރަށް މަދުން އަވަށްޓެރި ސްރީ ލަންކާއިން މި ވައްތަރުގެ ދޫނި ފެންނަ ކަމަށް ވެއެވެ. މި ދޫނިތައް މައިގަނޑު ގޮތެއްގައި ކަނީ ކުދި ސޫފިތެކެވެ. ބޮކާއި މަސް އަދި ބިސް ވެސް ކައި އުޅެއެވެ.

މި ނަސްލުގެ ދޫނި އާންމުކޮށް އުޅެނީ، ޗަކަ ބިންތައް ހިމެނޭ ސަރަހައްދުތަކާއި ވިނަ ދަނޑު ފަދަ ސަރަހައްދުތަކުގައެވެ.

ރާއްޖެއަށް ދޭތެރެދޭތެރެއިން އެކި ބާވަތްތަކުގެ ދޫނިސޫފާސޫފި ހިޖުރަކުރެއެވެ. މި ފަހަކުން ގުޑުގުޑާ ދޫނިތަކެއް ރާއްޖެ އައުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ.

ހިޖުރަކުރާ ދޫނިސޫފާސޫފި ހިފުމާއި ގޯނާއި ކުރުމާއި މާހައުލަށް ގެއްލުންދިނުމަކީ ހުއްދަކުރާ ކަމެއް ނޫނެވެ.