މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ކަނޑައަޅާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑަށް ފެތޭ މީހުންނަށް ހިޖާމާ ޖެހުމުގެ ހުއްދަ ދޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހިޖާމާގެ ހިދުމަތް ދޭން ބޭނުންވާ މީހުން އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކުރުމަށް ނިންމާފައިވާކަން މާޗު 17، 2019 ގައި އިއުލާންކޮށްފައިވާނެ ކަމަށެވެ.

އަދި އެ ފަރާތްތަކަށް ރަޖިސްޓްރޭޝަން ދޭނީ ކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑާ އެއްގޮތަށް ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ މީހުންނަށް ކަމަށް ވެސް 17 މާރޗް 2019ގައި އިއުލާނުގައި ބުނެފައިވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރާ ތަމްރީން ޕްރޮގްރާމަކާ ބެހޭ ތަފްސީލް މައުލޫމާތު ހުށަހެޅުމުން އެ ޕްރޮގްރާމްގެ ބައިތަކަށާއި ކޮމްޕިޓެންސީތަކަށް ބެލުމަށް ފަހު ކައުންސިލުން ހިޖާމާގެ ހިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރޭޝަނާއި ޕްރެކްޓިސްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

ކޮމްޕިޓެންސީ ސްޓޭންޑަޑް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ.

ހިޖާމާ ޖެހުމުގެ މައްސަލަ ބޮޑުވެފައި ވަނީ ފަޒީލާ ނަމަކަށް ކިޔާ ފަރާތަކުން ހިންގާ ފަޒީސް ހިޖާމާ ތެރެޕީ'ން ހަކުރު ބައްޔަށް ޖަހަމުން އަންނަ އިންސޫލިންގެ ބަދަލުގައި ހިޖާމާ ޖެހުމުން ހަކުރު ބަލިން ފަސޭހަވާނެ ކަމަށް ބުނެ ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. މިކަމާގުޅިގެން ގިނަ ބަޔަކު ވަނީ އެ ޕޯސްޓަށް ކޮމެންޓްކޮށް އެއްޗެތި ކިޔާފައެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން އޭރު ވީނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފަޒީސް ހިޖާމާ ތެރެޕީ ހިންގަމުން ގެންދަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ކަމަށެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ވަނީ "ފަޒީސް ހިޖާމާ ތެރަޕީ"ން ޚިދުމަތް ދިނުން ހުއްޓުވާފައެވެ.

އެތަން ހުއްޓުވީ ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ނަމަ އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާނެ ކަމަށް ހެލްތު މިނިސްޓްރީން އިންޒާރު ދިނުމުންނެވެ.

'ފަޒީސް ހިޖާމާ ތެރަޕީ' އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ. 2019 ވަނަ އަހަރު ވެސް ހެލްތް މިނިސްޓްރީން ވަނީ އެ ތަން ބަންދު ކުރުމަށް އަންގާފައެވެ. ނަމަވެސް ޚިދުމަތް ދިނުން ހުއްޓާފައެއް ނުވެއެވެ.

މިނިސްޓްރީން ފަޒީސް ހިޖާމާ ތެރަޕީއަށް ވެސް އަންގާފައި ވަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ސިއްހީ ޚިދުމަތެއް ދޭ ނަމަ ދެވޭނީ ހެލްތް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.