• ރިޕޯޓްގައިވަނީ ދޮގު ވާހަކަތަކެއް، ރާއްޖެއަށް ދާކަށް ބައްޕަ ނޫޅޭ: ނަމާލް

ސްރީލަންކާގެ ދާޚިލީ މައްސަލަތަކާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ބެހިވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ވަގުތީގޮތުން ރާއްޖެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ދަ މޯލްޑިވްސް ޖާރނަލްއިން ޝާއިއުކުރި ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވަނީ، ސްރީލަންކާގެ ދާޚިލީ މައްސަލަތައް ހައްލުކުރުމަކީ ސްރީލަންކާ ރައްޔިތުންގެ ކަމެއް ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ސްރީލަންކައަށް އެހީ ހޯއްދަވައި ދެއްވުމަށް ކަމަށާއި، އިތުރުކަމެއް ނުކުރައްވާ ކަމަށެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިޘާއިން އަރައިގަތުމަށް ބޭރުގެ މާލީ އެހީތެރިކަން އެގައުމަށް ހޯއްދަވައި ދެއްވުމަށް ރައީސް ނަޝީދު، ވެވަޑައިގެންނެވި އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެފައި ވެއެވެ.

ދަ މޯލްޑިވްސް ޖާރނަލްގެ ރިޕޯޓްގައި ބުނެފައިވަނީ، ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ އާއިލާ، ރާއްޖޭގައި ވަގުތީގޮތުން ދިރިއުޅުއްވޭނެގޮތް ހަމަޖައްސަވައި ދެއްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނަން ހާމަކޮށްފައިނުވާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ދަ މޯލްޑިވްސް ޖާރނަލްގައި ބުނެފައިވަނީ، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު މަހިންދަ ރާޖަޕަކްސަވަނީ ރައީސް ނަޝީދުއަށް ގުޅުއްވާފައެވެ. އަދި ސްރީލަންކާގެ މަސްރަހް ހަމަޔަކަށް އެޅެންދެން އެމަނިކުފާނާއި އާއިލާ ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވަން މަހިންދަ ރާޖަޕަކްސަ އެދިވަޑައި ގެންނެވި ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި ސޮނެވާފުށިން ޕްރައިވެޓް ގެއެއް ބައްލަވައިގަތުމަށް ރައީސް ނަޝީދު، މަހިންދަ ރާޖަޕަކްސައަށް ހުށަހެޅުއްވި ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. ސޮނެވާފުށީގެ ވެރިޔާއަކީ ރައީސް ނަޝީދުއާ ގާތް ބޭފުޅެއް ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމާގުޅޭ ވަރަށް ގިނަ ވާހަކަތައް ދަ މޯލްޑިވްސް ޖާރނަލްގެ ރިޕޯޓްގައި ހާމަކޮށްފައި ވެއެވެ.

ނަމަވެސް، މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ސްރީލަންކާ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސަވަނީ، މޯލްޑިވްސް ޖާރނަލްގެ ރިޕޯޓް ދޮގު ކުރައްވާފައެވެ. ނަމާލް ރާޖަޕަކްސަ ވިދާޅުވީ، އޭނާގެ ބައްޕާފުޅު ވަގުތީގޮތުން ރާއްޖެއިން ހިމާޔަތް ހޯއްދަވަން މަސައްކަތް ނުކުރައްވާ ކަމަށާއި، އަދި ގެއެއް ބައްލަވައިގަތުމަށްވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ.

"ސްރީލަންކާ ދޫކުރައްވައި ވަޑައިގަތުމުގެ އެއްވެސް ޕްލޭނެއް އަޅުގަނޑުގެ ބައްޕަ ނުގެންގުޅުއްވާ. ބައްޕަ ދިވެހިރާއްޖެއަށް ބަދަލުވާން އުޅޭ ވާހަކައާއި، ގެއެއް ގަނަން އުޅޭ ކަމަށް މީޑިއާއިން ފަތުރަނީ ދޮގު ވާހަކަތަކެއް"
ނަމާލް ރާޖަޕަކްސަ

ނަމާލް ރާޖަޕަކްސަ އިހަށްދުވަހު ކޮޅުނބުގައި ރައީސް ނަޝީދުއާ ބައްދަލު ކުރައްވަނީ:

ސްރީލަންކާ ސަރުކާރާ ދެކޮޅަށް ކޮޅުނބުގެ ގޯލްފޭސްގައި މުޒާހަރާ ކުރަމުންދިޔަ އާންމުންނަށް މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން ހަމަލާދިނުމާ ގުޅިގެން މަސްރަހް ވަރަށް ގޯސްވެ މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީވެސް އެދުވަހުއެވެ.

ރުޅިއައިސްފައިވާ އާންމުން ރަށުތެރެއަސް ނުކުމެ މަހިންދަ ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުންނާއި، ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ ގެތަކާއި ވެހިކަލްތަކުގައި ހުޅުޖެހުމުގެ އިތުރުން، ބޮޑުވަޒީރުގެ އޮފީހަށް ވަދެގަތުމަށްވެސް މަސައްކަތް ކުރިއެވެ. އަދި މަހިންދަ ރާޖަޕަކްސަ ހުރިތަނެއް ހޯދަންވެސް މަސައްކަތް ފެށިއެވެ.

ނަތީޖާއެއްގެގޮތުން، ސްރީލަންކާގެ ވައިގެ ސިފައިންނަށް ޖެހުނީ، މަހިންދަ ރާޖަޕަކްސައާއި އާއިލާ، ރައްކާތެރި ތަނަކަށް ގެންދިއުމަށެވެ. އެ އާއިލާ ހެލިކޮޕްޓަރުގައި ގެންދިޔައީ ޓްރިންކޮމަލީގައި ހުންނަ ކަނޑުގެ ސިފައިންގެ ބޭހަށެވެ. އެހެންވެ، އާންމުން އެތަނުގެ ބޭރަށްވެސް އެއްވެ މަހިންދަ ރާޖަޕަކްސަ އެމީހުންނާ ހަވާލުކުރުމަށް ގޮވާފައި ވެއެވެ.

އެދުވަހުގެ ފަހުން މަހިންދަ ރާޖަޕަކްސަ އާންމުންނަސް ފުރަތަމަ ފެނިފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޕާލަމެންޓް ޖަލްސާއިންނެވެ.