އަމާނާ ތަކަފުލް މޯލްޑިވްސް (އޭޓީއެމް) ގެ ތާރީޚުގައި މިހާތަނަށް ބެހުމަށް ނިންމާފައިވާ އެންމެ ބޮޑު ޑިވިޑެންޑް ކަނޑައަޅައިފިއެވެ.

އެކުންފުނީގެ 11 ވަނަ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން މިފަދައިން ކަނޑައެޅީ ވޭތުވެދިޔަ އަހަރު ކުންފުނީގެ މާލީ ކާމިޔާބުގެ މައްޗަށް ބިނާކޮށެވެ.

އެގޮތުން، މާލީ ނަތީޖާއަށް ރިޢާޔަތްކޮށް ޑިރެކްޓަރުންގެ ބޯޑުން ވަނީ 10 އިންސައްތަ އިންޓަރިމް ޑިވިޑެންޑްގެ އިތުރުން 10 އިންސައްތަ ފައިނަލް ޑިވިޑެންޑް ގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޖުމްލަ ޑިވިޑެންޑް ހިއްސާއަކަށް ޖެހޭ މޫނުމަތީ އަގުގެ 20 އިންސައްތަ ހިއްސާދާރުންނަށް ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މިއީ 2020 ވަނަ އަހަރު ބަހާފައިވާ ހިއްސާގެ ފައިދާއާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.

ނިމިދިޔަ އަހަރު ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ކަނޑައެޅިއިރު، ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި 2021 ވަނައަހަރު 152.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.

އަމާނާ ތަކަފުލްއިން ބުނީ ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 22 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 37 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރެވެނިޔު ރިޒާވް 25 އިންސައްތަ އިތުރުވެ، 31 ޑިސެމްބަރުގެ ނިޔަލަށް 73 މިލިއަން ރުފިޔާ ރެކޯޑް ކޮށްފައިވާއިރު، މި މުއްދަތުގައި ޖުމްލަ ރައުސުލްމާލު 228 މިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއީ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އަންނަ ބަދަލުތަކާއި، މާކެޓް އަށް އަންނަ ބަދަލުތަކާއެކު، ކުންފުނީގެ ކުރިއެރުމަށް ކުންފުނީގެ ފަރާތުން ކެނޑިނޭޅީ މަސައްކަތް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭޓީއެމް އިން ބުނެއެވެ.

އަދި، ވިޔަފާރިތަކަށް ޕެންޑެމިކުގެ ސަބަބުން ވަރަށްބޮޑެތި އަސަރު ކޮށްފައިވީ ނަމަވެސް، އޭޓީއެމް އިން ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތައް މެނޭޖުކޮށްފައިވާ ކަމަށާއި، ކޮވިޑްގެ ސަބަބުން ހީނަރުކަމެއް އައި ނަމަވެސް، ފައިދާގެ ގޮތުގައި 9 އިންސައްތައިގެ ކުރިއެރުމެއް އެކުންފުނިން ހޯދާފައިވާ ކަމަށް އޭޓީއެމް އިން ބުނެއެވެ.

ވިޔަފާރީގެ ދުވެލި ބާރުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރިން. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި، ޓެކްނޮލޮޖީއާއި، އެތެރޭގެ ނިޒާމުތަކާއި، ޕްރޮސެސްތަކާއި، އިންސާނީ ވަސީލަތްތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް ހުއްޓުމެއްނެތި ކުރިއަށް ދިޔަ.
ޗެއަރމަން ތައްޔިބް އަކްބަރު އަލީ

ރާއްޖޭގައި ތަކަފުލްގެ އެންމެ ފުރަތަމަ ކުނުފުނީގެ ހައިސިއްޔަތުން އޭޓީއެމްގެ އިގުތިމާޢީ ޒިންމާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން، އޭޓީއެމް އިން ދަނީ މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އެހީތެރިވުމުގައި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ވަރަށް ޝައުޤުވެރިކަމާއެކު މަސައްކަތް ތަކެއް ކުރަމުންނެވެ.

މީގެ ތެރޭގައި ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ތަކަފުލް އެޑްވޮކަސީ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމުކޮށް ހިންގާ، ބޭރުގެ އެކި ހޮސްޕިޓަލުތަކާ ގުޅިގެން މެޑިކަލް ކޭމްޕް ހިންގުމާއި އަދި ސްޕޮންސާޝިޕްތައް ފާހަގަކޮށްލެއެވެ.