ހިޔާ ފްލެޓުތަކުގެ ފިނިޝިންގް މަސައްކަތް ކުރަމުންދާއިރު، ވަކި ގަޑިތަކެއްގައި އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފިއެވެ.
ހިޔާ ފްލެޓުގައި ގިނަ އަދަދެއްގަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން އަދިވެސް ފްލްޓްގެ ފިނިޝިން މަސައްކަތް ކުރަމުންދެއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިޔާ ފްލެޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ، ފްލެޓުގެ އެތެރޭގެ މަސައްކަތްކުރުމުގެ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އިރުއޮއްސި، 6:00 އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެހެންކަމުން ފްލެޓުތަކުގައި ނުނިމިހުރި މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެގޮތަށް އަމަލުކުރުމަށް ސަމާލުކަން ދިނުމަށާއި، ފްލެޓުތަކުގައި މަސައްކަތްކުރަމުންދާއިރު، އަވަށްޓެރި ފްލެޓުތަކަށް ދަތިނުވާހެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.