ރާއްޖޭގައި ފާނަބަސަންދުގެ ކޭސްތައް ވަރަށް ގިނައިން ފެންނަމުންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ފައިސަލް ވިދާޅުވީ، ރާއްޖޭގައި ފާނަބަސަންދު މިދުވަސްވަރު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ތުއްތު ދެ ކުއްޖަކު ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް ޑރ. ވަނީ އޭނާގެ ޓުވިޓަރގައި ވިދާޅުވެފައެވެ.

ޑރ. ފައިސަލް ވިދާޅުވީ، އެ ބައްޔަށް ވެކްސިން ދެވޭނީ އެއް އަހަރުން މަތީގެ ކުދިންނަށް ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ދެވަނަ ޑޯޒް ޖެހުމާއި ދޭތެރޭ މަދުވެގެން 3 މަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.

"ދެވަނަ ޑޯޒަކީ ބޫސްޓަރ. ޖަހާނީ ދޭތެރެ މެދަށް މަދުވެގެން ތިން މަސްވީމަ."
ޑރ. ފައިސަލް

ބަލިން ދިފާއު ވުމަށް ހައްލު ހޯދުމަށް ނުވަތަ ބައްޔާއި ދެކޮޅަށް ވެކްސިން ޖެހުމަށް ޑރ. ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

ފާނަބަސަންދަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބައްޔެކެވެ. ވައިރަހެއްގެ ޒަރީއާއިން ގައިން ގަޔަށް އަރާ މިބަލި ޖައްސާ ވައިރަހަކީ ހާރޕީޒް ވައިރަހުގެ 8 ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މިބަލީގެ އަލާމަތްތަކުގެ ތެރޭގައި ވަރުބަލިކަން އިހްސާސްކުރެވުމާއި ގަދައަށް ހުން އައުމާއި، ކާހިތްނުވުމާއި ބޮލުގައި ރިއްސުން، ކެއްސުމާއި ކަރަށް ތަދުވުން، ބަނޑުގައި ރިއްސުން، ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން ހިމެނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދުވަސްވަރު މަތިން ތަފާތު ގިނަ ބަލިތައް ފެންނަމުން ދެއެވެ. މިހާރު މުޅި ދުނިޔެގެ ލޯތައް ހުއްޓިފައިވާނީ ދުނިޔޭގައި ނާދިރު ބައްޔެއް ކަމަށްވާ މަންކީޕޮކްސް ބައްޔަށެވެ. މިބަލި ޔޫރަޕާއި، އުތުރު އެމެރިކާގެ ބައެއް ގައުމުތަކުން ފެނުނު ފަހުން މެއި 21 ގެ ނިޔަލަށް މިބަލި 12 ގައުމަކުން ވަނީ ފެނިފައެވެ.

ފާނަބަސަންދު ރާއްޖޭގައި އިތުރުވަމުން އަންނައިރު މިފަހުން އެޗްޕީއޭއިންވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ މަންކީޕޮކްސް ނުވަތަ މަކުނު ވިދުރި ރާއްޖޭގައި ފެތުރުމުގެ ރިސްކް ވަރަށް ކުޑަ ކަމަށް ބުނެފައެވެ. އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގައި މި ވައިރަސްގެ ކޭސްތަކެއް ރިޕޯޓުކުރުމާއެކު އެ އޭޖެންސީން އެ އައުޓްބްރޭކްގެ ހާލަތު ގާތުން ބަލަމުން ދިޔަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މެއިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން އަދި އަވަށްޓެރި ގައުމަކުންވެސް މަންކީޕޮކްސް ފެނިފައިނުވާ ކަމަށެވެ. އަދި، މި ބައްޔަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓްވުމުން ފެތުރޭ ބައްޔަކަށް ވުމާއެކު، މިވަގުތު ރާއްޖޭގައު މިބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އެހެން ގިނަ ބަލިތަކާ ޚިލާފަށް، އިންސާނުންގެ ތެރޭގައި މަންކީޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ.

އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް މިބަލީގެ ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނުވޭލުމުގެ ނިޒާމަށް ގޮސްގެންނާއި، ބަލިމީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި، ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ ގިނަގިނައިން އަތް ސާފުކުރުމާއި، މާސްކްއެޅުމުން، އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާ ބައްދަލުވެ ގައިގޯޅިވެ ނޫޅުންފަދަ އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސް ކޮށްފައެވެ.

އެއޭޖެންސީން ބުނީ ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިންމު ނުވަތަ އާދަޔާ ޚިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކްވެސް އެ އޭޖެންސީން މޮނީޓަރކޮށް ރިސްކް އެސެސްމަންޓްތައް ހަދަމުން ގެންދާނެ ކަމަށެވެ.