ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން، ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

މި މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތުދީފައިވީނަމަވެސް، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ހުށަހެޅުންތައް ހުށަހަޅާފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް ވާތީ މައްސަލަ ބައްލަވާ ގާޟީ އަހުމަދު ޝަކީލް ވަނީ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމަވާފައެވެ.

އަދި، އެނިންމެވުން ބަދަލުނުކުރައްވާނެ ކަމަށާއި، ނަމަވެސް މަތީ ކޯޓުތަކުގައި އެމައްސަލަ އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތްކަމަށް ގާޟީ ވިދާޅުވިއެވެ.

މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ޝަރީއަތުން ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެކެވެ.

މައްސަލައިގައި ދެން އޮންނާނީ ޝަރީއަތް ފެށުމުގެ ގޮތުން އިބްތިދާއީ ބަޔާން އިއްވުމެވެ. އެގޮތުން އެ އަޑުއެހުން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 ގައެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާގޮތަށް ޝަރީއަތުގެ މަރުހަލާގެ އަޑުއެހުންތަކުން ޝަރީއަތް ލައިވް ކުރާނެ ކަމަށްވެސް ގާޟީ ވިދާޅުވިއެވެ.