ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން، ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިނުގަތުމުގައި އެމަނިކުފާނުންގެ ވަކީލުނަށް އެއްވެސް އޮޅުމެއް އަރާފައިނުވާކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް ވާތީ މައްސަލަ ބައްލަވާ ގާޟީ އަހުމަދު ޝަކީލް ވަނީ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމަވާފައެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު ދުނުމުގައި ކްރިމިނަލް ކޯޓުން އަބަދުވެސް މުއްދަތު ގުނަމުން އައިސްފައިވަނީ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދޭ ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުލައި ކަމަށެވެ.
އަދި، މި މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތު ދީފައިވަނީ 11 އޭޕްރިލް 2022 ވަނަ ދުވަހު ކަމަށާއި، އެހެންކަމުން ކްރިމިނަލް ކޯޓުން މުއްދަތު ގުނަމުން އައި ގޮތަށް ބަލާއިރު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވުނު މުއްދަތު ހަމަވާނީ 10 މެއި 2022 ވަނަ ދުވަހު ކަމަށް ވީއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މެއި މަހުގެ 9 ވަނަ ދުވަހު ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން، ފުއްގިރި މައްސަލާގައި ލިޔެކިޔުންތައް ހުށަހެޅުމަށް 10 ދުވަސް ދިނުމުން، އެ 10 ދުވަސް ގުނާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާތީ، އާރަށު މައްސަލާގައިވެސް އަމަލުކުރީ ހަމަ އެ އުސޫލުން ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ބުނެފައިވެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން މިހާތަނަށް މުއްދަތު ގުނަމުން އައީ ބަންދު ދުވަސްތައް ނުލައި ކަމަށްވާތީއާއި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުންތައް ހުށަހެޅީ އެގޮތުގެ މަތީން މުއްދަތު ގުނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ ލިޔެކިޔުންތައް ހުށަހެޅުމުގައި އެއްވެސް އޮޅުމެއް އަރާފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި ގާޟީ ވަނީ ނިންމެވުން ބަދަލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަތީ ކޯޓުތަކުގައި އެމައްސަލަ އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތްކަމަށް ގާޟީ ވިދާޅުވިއެވެ.
މި މައްސަލާގައި ދެން އޮންނާނީ ޝަރީއަތް ފެށުމުގެ ގޮތުން އިބްތިދާއީ ބަޔާން އިއްވުމެވެ. އެގޮތުން އެ އަޑުއެހުން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 ގައެވެ.