އިގްތިސާދީ ގޮތުން ސަރުކާރުން އަޅަމުންގެންދަނީ ކާމިޔާބު ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) ގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުރަމުން އަންނަކަމުގައިއެވެ.

މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ގައުމުން ފަތުރުވެރިން އައުން، ހަނގުރާމައާ ގުޅިގެން ހުއްޓުމަކަށް އައުމާއި، ތެލުގެ އަގު އެތައްތަނެއް މައްޗަށް ދިއުމާ އަދި ތަކެތީގެ އަގުތައް އުފުލި، ކުރިން ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ބޮޑު ހޭދައެއް ތެޔޮގަތުމަށާއި ސަބްސިޑީއާ އަދި ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމަށް ހޭދަކުރަން ޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހުރިހާ ކަމަކަށް ރިއާޔަތްކޮށް އިއްޔެ ބޭއްވި އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި، މިހާލަތާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ކުރިން ރިސޯޓްތަކުގެ ބިމުކުލި ކުޑަކުރުމަށް ސަރުކާރުން ނިންމާފައި އޮތް އޮތުން މި ވަގުތަށް މަޑުޖައްސާލައި މިދުވަސްވަރު ރިސޯޓްތަކުގެ ބިމު ކުލި ކުޑަނުކުރާ ގޮތަށް ނިންމެވުމާއި އަދިވެސް ހަރަދުތައް ކުޑަކުރުމާއި އަދި މިވަގުތަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމެވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި އޮތް ނަމަވެސް ރާއްޖޭގެ އިގްތިސާދުގެ އަމާޒުހުރީ ރަނގަޅަށްކަން ފާހަގަކުރައްވައި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިންވެސް ޒިޔާރަތްކުރިކަމާއި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީ ލިބުނުކަމެކަށެވެ.

ދަރަނި ދެއްކުމުގައި މިއަހަރާއި އަންނަ 2023 ވަނަ އަހަރާއި އަދި 2024 ވަނަ އަހަރުވެސް އެއްވެސް ދަތިކަމެއްނެތި ކަނޑައެޅިފައިވާ ގޮތަށް އެކަންކަން ކުރިޔަށް ގެންދެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި އިގްތިސާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ސަރުކާރުން ކުރިޔަށްދާނީ ހަރަދުތައްކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އިގްތިސާދަށް އަންނަ ކުރިއެރުމާވެސް އެކުގައި ކަމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެވިއެވެ.

މިރަސްމިޔާތުގައި ވަހަކަފުޅު ދަށްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އެމްޑަބްލިއުއެސްސީ އުފެއްދި ބޭނުމާއި އެ ކުންފުނީގެ ތާރީހަށް އަލިއަޅުއްވާލައްވައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 އިންސައްތަ ރަށުގައި، ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ނެތްކަން ފާހަގަ ކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުން ދިވެހިންގެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަޣައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުޞަތު ލިބުމާއެކު، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އަންނާނެ ބަދަލު. އެއީ އެތައް ބަލިތަކަކުން ދިފާޢުކޮށްދޭނެ ކަމެއް. އަދި ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ޙައްލަކަށްވެސް ވާނެ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ހަމަ އެއާއެކު، ބޯފެނާއި އެ ހިދުމަތްތައް ގާއިމުކުރުމަށް، ބަޖެޓުން ކުރަމުން އަންނަ ބޮޑެތި ހަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރަން ނުޖެހޭނެކަން ފާހަގަކުރައްވައި، ނަތީޖާއެއްގެ ގޮތުން އެ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ތަރައްގީކޮށް ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދުނިޔެ ކުރިމަތިލާންޖެހިފައިވާ ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު، ބޯފެން އުފެއްދުމުގައިވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުރިޔަށްގެންދާ ނަރުދަމާގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދަނީ ތިމާވެށީގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެންކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަށް، 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 836 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތަށެވެ.

ރޭގެ ޖަލްސާގައި "ޗެއާރމަން އެވޯޑް ފޯރ އެކްސެލެންސީ" އެވޯޑް ލިބުނު މުވައްޒަފަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި، އެމްޑަބްލިއުއެސް.ސީގެ "ޔުނީކް ޕަރފޯރމާސް އެވޯޑް" ހާސިލުކުރި މުވައްޒަފަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.