މާލޭ ސީޓީއިން ދުވާލެއްގެ މައްޗަށް 1200 ޓަނުގެ ކުނި އުފައްދާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ 1992 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި އުފެދޭ ކުނި އަޅަމުން އައީ ތިލަފުއްޓަށް ކަމަށެވެ.
ތިލަފުއްޓަކީ ކުނީގެ ފަރުބަދައެއްކަން ސިފަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ ތިލަފުށިން އަރާ ދުންތައް ހުއްޓުވާ ޒަމާނާ އެއްގޮތަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ތިލަފުޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާއި ދެމެދުގެ އަދަދަކަށް ކުނި މާލޭއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖަމާކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް ކުރެވުނު އެންމެ އެންމެ މުހިންމު މަސައްކަތަކީ ތިލަފުށިން 20 އަހަރު ވަންދެއް އެރި ބޯ ދުންގަނޑު ހުއްޓުވުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިލަފުށީ މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ އިންްފްރާސްޓްރަކްޗަރ ބައި މުޅިން ނިމި މިހާރު އޮޕަރޭޝަންގެ ބައި ފެށިފައި ވާކަމަށެވެ.
މީގެ ކުރިން ވެމްކޯއިން ބުނެފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އުކާލާ ކުނި ގޭބިސީތަކުން ނެރޭއިރު ހުންނަން ވާނީ 4 ބަޔަށް ބަންދުކޮށް އެއްކުނީގެ ބާވަތް އަނެއް ކުނީގެ ބާވަތާ އެއުނުވާނެހެން ވަކި ކޮތަޅުގައި ބަންދުކޮށްފައި ކަމަށެވެ.