ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް ޖޫނިއަރ ޓެނިސް ކުޅުންތެރިންނާ ބައްދަލުކުރައްވައި އެކުޅުންތެރިން ހޯދަމުންދާ ކާމިޔާބަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ޖޫނިއަރ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވާފައެވެ. އަދި އެ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާފައިވާ ފަޚުރުވެރި ވަނަތަކަށްޓަކައި އެ މަނިކުފާނު ވަނީ އެ ކުޅުންތެރިންނަށް މަރުހަބާ ދަންނަވާ، އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ކުޅުންތެރިން މިހާ ޅައުމުރެއްގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދީ މިފަދަ މަތީ ވަނަތަކަށް ވާސިލްވުމުގައި އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ، އެކަމަށްޓަކައި އެ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން ވަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކުރައްވާ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި އެސޯސިއޭޝަންގެ ފަރާތުން ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ރައީސް ސާލިހާ ހިއްސާކުރައްވާފައެވެ.
އަދި ޓެނިސް ކުރިއެރުވުމަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާ އެކަންކަމުގެ މައުލޫމާތު އެ އެސޯސިއޭޝަނުން ވަނީ އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިހް ވަނީ ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.