ނ. މަނަދޫގައި ޤާއިމުކުރި އަމާންވެށި ރަސްމީކޮށް ހުޅުވައި، ދައުލަތުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ބަލަހައްޓަމުންދިޔަ 9 ކުއްޖަކު އެތަނަށް ބަދަލުކޮށްފިއެވެ.
ރާއްޖޭގެ 5 ސަރަހައްދެއްގައި މިހާތަނަށް ރަސްމީކޮށްވަނީ އަމާން ވެށިތައް ޤާއިމުކޮށްފައެވެ. އެއީ، ހއ. ދިއްދޫ އަމާންވެށި، ށ. ފުނަދޫ އަމާންވެށި، ނ. މަނަދޫ އަމާން ވެށި، ބ. އޭދަފުށި އަމާންވެށި އަދި ޏ. ފުވައްމުލަށް އަމާންވެއްޓެވެ. މީގެ އިތުރުން، މިއަހަރު ތެރޭގައި އިތުރު 3 ސަރަހައްދެއްގައި ރަސްމީކޮށް އަމާންވެށި ހުޅުވުމަށް ވަނީ ރާވާފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކުވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެއެވެ. އެހެން ނަމަވެސް، މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށްކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަތޮޅު ތެރޭގައި ޤާއިމުކުރާ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ ޢާއިލާގެ އެހެން ކުދިންނާއެކުގައިކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން ޢާއިލާތަކާ ވެސް ގުޅުވާ ދެވިފައިކަމަށެވެ.
އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެކަމުގެ ސަބަބުން އެކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަމާން ވެށި ތައް ޤާއިމުކުރުމަކީ 'އޯގާތެރި ސަރުކާރު' ގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.