ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، އިބްރާހީމް މުހައްމަދު ސާލިހް، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވާ، ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަނު ކުރެއްވި މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.

ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިކަމަށްޓަކައި މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފޮޓޯ: ރައީސް އޮފީސް

ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ރައީސް ސާލިހް ވަނީ ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ ސްކައުޓް ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އެމަނިކުފާނަށް އަރުވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ދަތިތަކުގެ މައުލޫމާތު މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ތަފްސީލްކޮށްދީފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވާފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.