ރާއްޖޭން ޙައްޖަށް ގެންދަން ލިބުނު ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާގައި ޙައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ ކަމަށާއި އަދި ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ފުރަތަމަ 100 ޖާގައަށް ނެގޭ މީހުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާ ހުރެ ޙައްޖަށް ދިއުމަށް ޢުޒުރުވެރިވެއްޖެ ނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަ ދޭނެއެވެ. އަދި ގުރުއަތުން ހޮވޭ މީހެއްގެ ޖާގަ އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކާ މީހުންގެ ޖާގަ ވެސް ގެއްލޭނެ ކަމަށެވެ.

އާންމުކޮށް ހުޅުވައިލި 100 ކޯޓާގައި ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގަކީ 76،960ރ.އެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށްވެސް ޙައްޖު ކޯޕަރޭޝަަނުން ވަނީ ބުނެފައެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖޫން ދެވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 13:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ އެ ދުވަހުގެ 18:00 ގެ ކުރިން [email protected] އަށް ފޮނުވުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާއަށް ކުރިމަތިލެވޭނީ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، މި އަހަރުގެ ޖޫން 15 އަށް 65 އަހަރުވެފައި ނުވާ އަދި ކޮވިޑްގެ ދެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ގުޅުމަށް ވަނީ އެދިފައެވެ.

ރާއްޖެއިން މިއަހަރު މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސައޫދީ އަރަބިއްޔާ އިން ވަނީ 453 ކޯޓާ ދީފައެވެ. ރާއްޖެއިން މިއަަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކޮށްފައިވަނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށެވެ.