ރާއްޖޭގައި އަރަބި ބަސް އުނގެނުމާއި އުނގަންނައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވާ އިލްމް އިންސްޓްޓިއުޓްއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއްް ވެސް ބާއްވާފައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ އަރަބި ބަސް އުނގެނުމާއި އުނގަންނައިދިނުމުގައި ހުރި ގޮންޖެހުންތައް ބަލައި އަރަބި ބަސް އިތުރަށް ކިޔަވައިދިނުމެ ކަންކަން ހަރުދަނާކުރަން ފުޅާކޮށް މަޝްވަރާކުރުމެވެ.

ފޮޓޯ: އިލްމް އިންސްޓިޓިއުޓް

އަދި މި މައްސަަލަތައް ހައްލުކުރަން އިސެސްކޯގެ ލަފާ ވެސް ހޯދާނެއެވެ. އިސެސްކޯއަކީ އަރަބި އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާގެ ސަޤާފަތާއި ތައުލީމީ ތަރުބަވީ ކަންތައްތަކާ ގުޅޭ ގުޅޭ ޖަމިއްޔާއެވެ.

އިސެސްކޯގައި އަރަބި ބަސް ކިޔަވައިދިނުމަށް ޚާއްސަ މަރުކަޒެއް ހުންނަ އިރު އެ މަރުކަޒުގެ ރައީސްއާއި އެ މަރުކަޒުގެ ޚާއްސަ މުޝީރެއް ވެސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެ މަޝްވަރާތައް ލީޑުކޮށްދެއްވާނެއެވެ.

ފޮޓޯ: އިލްމް އިންސްޓިޓިއުޓް

މަސައްކަތު ބައްދަލުވުމުގައި އަރަބި ބަސް ކިޔަވައިދޭ 9 އިންސްޓްޓިއުޝަނެއްގެ 30 ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ލެކްޗަރާއިން ނާއި ދަރިވަރުން ވެސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

މަސައްކަތު ބައްދަލުވުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.