ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތް 15 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ޚާއްސަކޮށްފައިވާ ކުޑަގިރީގައި މިހާރު ސްޓެލްކޯއިން ކުރަމުން އަންނަނީ ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތެވެ.

އެ ރަށުގައި މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާއިރު އެ ރަށުގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހަވާލުވެފައިވާ ހުރިހާ މަސައްކަތްތައް ނިންމާލުން ކަމަށެވެ.

މީގެއިތުރުން ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައް ކުރުމަށްވެސް ސްޓެލްކޯއިން ވިސްނާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުޑަގިރީގައި ކަރަންޓު ނެޓްވޯކު އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ސްޓެލްކޯގެ އެކްޓިން ޗެއާމަން އަހުމަދު ލަތީފު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކް ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވަނީ ބުދަ ދުވަހު އެރަރަށް ވަޑައިގެންފައެވެ.

ފޮޓޯ: ސްޓެލްކޯ

ކުޑަގިރިއަކީ މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެވަޑައިގަތް ވައުދުފުޅާ ގުޅިގެން ތަރައްގީކުރާ ރަށެކެވެ. އެވައުދުފުޅާ އެއްގޮތަށް ކުޑަގިރި ފަޅު ހިއްކައި އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ މިދިޔަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއަށް 41 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ މާލެއިން ފުރައިގެން ގާތްގަނޑަކަށް 20 މިނިޓުން ދެވޭ ހިސާބުގައެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރީ ކުޑަބަނޑޮހެވެ. ނަމަވެސް އެ ރަށް ރިސޯޓެއްގެ ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށްވުރެ ކުޑަގިރި ބޮޑު ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.