ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލައައްކީ ވަރަށް ސީރިއަސް މައްސަލައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ވެކްސިން ފުޅީގެ ފޮޓޯ އެއް ހިއްސާކުރައްވައި މެމްބަރު އުޝާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލްގައި ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިނެއް ޖަހާފައިވާކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އެޓުވިޓްގައިވެއެވެ.

އެ ކުދިންއަށް ދީފައި ވަނީ ކޮންކަހަލަ ވެކްސިނެއްކަމެއް ސާފެއް ނުވެއެވެ. ވެކްސިން ފުޅީގައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ ކަމަށް ލިޔެފައެވެ. އަދި އެވެކްސިން އުފެއްދި ތާރީހެއްގެ ގޮތުގައި ލިޔެފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިލިމާލެ ހޮސްޕިޓަލުން ބުނީ ދައުރުވަމުން ދަނީ ސައްހަ މައުލޫމާތެއް ނަމަ އެޗްޕީއޭއިން އެ މައްސަލައް ބަލާނެ ކަމަށެވެ. މި ކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ މިކަމުގެ މައުލޫމާތު ލިބިގެން އެ މިނިސްޓްރީން އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. މައްސަލަ ބަލާ ނިންމުމުން ތަފްސީލް ހިއްސާ ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައާ ގުޅިގެން ވިލިމާލޭގެ ބައެއް އާންމުންވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.