ކުނި ވަކި ކުރުމަށް ރައްޔިތުންގެ އަތުން އިތުރު ޚަރަދެއް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ އަންނަ މަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބިސީތަކުން އުފައްދާ ކުނި ވަކިކުރުމަށް ފަހު ނެރެން އެންގިނަމަވެސް ޚިދުމަތަށް ނަގާ ފީއަށް ބަދަލު ނާންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެފައި ވަނިކޮށެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 53 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ ކުނި ވަކި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ޖީބަށް ބަރު ނުވާ ގޮތަކަށް ކަމުގައެވެ.

އަދި ކުނި ވަކި ކުރުމަށްޓަކައި ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށާއި އެގޮތުން އެކި ވައްތަރުގެ ކުނި ވަކިވަކި ކޮތަޅުތަކަށް އަޅަން ޖެހުމުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ކޮތަޅުގެ އަގު ބޮޑު ކުރަން ނިންމި ނިންމުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަން ފާހަގަކުރައްވާ ޝުޖާޢު ވަނީ ކޮތަޅެއްގެ އަގު 2 ރުފިޔާ އަށް ބޮޑު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

ޝުޖާޢު މިހެން ވިދާޅުވިއިރު ކުނި ވަކިކުރުމަށްފަހު އުކާލުމަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރަށްޓެހި ކޮތަޅު އެތެރެކޮށް ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ކުނި ނެގުމަށް ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކުން ކުނި އުކުމަށްޓަކައި މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 150 ރުފިޔާއެވެ.