ރާއްޖޭގެ ކުނިމެނޭޖް ކުރުމާބެހޭ ގަވާއިދުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެޖެއެވެ.
ވެމްކޯ އާއި އެންވަޔަރްމެންޓް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫސުފް ސިރާޖް ވިދާޅުވީ އެކުންފުނިން ކުނި ނަގަމުންދާ ގަޑިއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށް ސިރާޖް ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައްވެސް ހުންނަން ވާނީ ވަކިކޮށްފައި ކަމަށް އެނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައިކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިރާޖު އިތުރަށް ވިދާޅުވީ ވެމްކޯއިން ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތަށް 42 މިލިއަން ރުފިޔާ އަދިވެސް ނުލިބި ވާކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭނީ ގާނޫނީ ފިޔަވަޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް ހުރި ބިލްތައް ސަސްޕެންޑްކޮށް ރަނގަޅު ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސިރާޖު ވިދާޅުވިއެވެ.
އައު ގަވައިދުގައި ވާގޮތުން، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އުކާލާ ކުނި ގޭބިސީތަކުން ނެރޭއިރު ހުންނަން ވާނީ 4 ބަޔަށް ބަންދުކޮށް އެއްކުނީގެ ބާވަތް އަނެއް ކުނީގެ ބާވަތާ އެއްނުވާނެހެން ވަކި ކޮތަޅުގައި ބަންދުކޮށްފައެވެ.
މީގެ އިތުރުން ވެމްކޯއިން ބުނެފައިވަނީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (CAPS) ގެ ހިދުމަތް ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއް ނުވާނެހެން އުކާލެވޭނެ ކަމަށެވެ.