ވިލިމާލޭ ހޮސްޕިޓަލްގައި ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައި ހުރި ވެކްސިންތަކެއް ޖެހި މައްސަލައިގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން (އާއިޖީއެމްއެޗް) އިން ބުނެފިއެވެ.

އާއިޖީއެމްއެޗް ނެރުނު ބަޔާނެގައި ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ ދަށުން ހިންގާ ވިލިމާލޭ ހޮސްޕިޓަލްގައި މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ކުޑަކުދިންތަކަކަށް ގަޔަށް ޖަހާފައިވާ މައްސަލަ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އައިޖީއެމްއެޗުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އިން ދަނީ ތަހުގީގްކުރަމުން ކަމަށް އެ ހޮސްޕިޓައަލުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ އެ މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިޔަށްއޮތަނުގައި ތަކުރާރެ ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އަދި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.

ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލަގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވަނީ ކަންބޮޑުވުންތަށް ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން އިއްޔެ ހެލްތް މިނިސްޓްރީން ބުނީ އެކަމުގެ މައުލޫމާތު ލިބިގެން އެ މިނިސްޓްރީން އެކަން މިހާރު ބަލަމުން އަންނަ ކަމަށާއި މައްސަލަ ބަލާ ނިންމުމުން ތަފްސީލް ހިއްސާ ކުރާނެ ކަމަށެވެ.

ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައާ ގުޅިގެން ވިލިމާލޭގެ ބައެއް އާންމުންވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.