މާލެ އަތޮޅު ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިފައިވާ ކުރިއެރުންތަކާއި ކުނި ނައްތާލުމުގެ ނިޒާމު އޮތް ގާތުން ނޫސްވެރިންނަށް ދައްކާލުމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން މިއަދު ހަރަކާތެއް ހިންގައިފިއެވެ.

އެ ވުޒާރާއިން ނޫސްވެރިން ތިލަފުށްޓަށް ގެންގޮސްގެން، ކުރިއަށް ގެންދިޔަ މިހަރަކާތުގައި ތިމާވެއްޓާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހް އާއި އެ ވުވާޒާރާގެ މީޑިއާ ޓީމުގެ ބޭފުޅުންނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބޭޅުންތަކެއްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިއަދު ތިލަފުށީގައި އޮތް މިހަރަކާތް ފަށާފައިވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު އެހާރާއި މިހާރުގެ މައްޗަށް އަލިއަޅުވާލާ ތިމާވެށްޓާބެހޭ ވުޒާރާއިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއެއް ނޫސްވެރިންނަށް ހުށަހަޅައިދެމުންނެވެ.

އެއަށް ފަހު، ތިލަފުށްޓަށް ގެންދާ ކުންޏާމެދު ޢަމަލުކުރެވޭ ގޮތް ނޫސްވެރިންނަށް ވަނީ ކިޔައިދީފައެވެ.

މި ހަރަކާތުގައި ދެން ކުރިއަށް ގެންގޮސްފައިވަނީ ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ސައިޓްގެ ހަރަކާތްތައް ގާތުން ބަލައިލުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ކުރިއަށް ގެންދިޔަ ސައިޓް ޓުއަރއެކެވެ.

ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ ޕްރޮސެސް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ކިޔައިދެއްވަނީ

މި ޓުއަރގައި ތިލަފުށްޓަށް ގެންދެވޭ ކުނި ކިރުމުގައި އަމަލުކުރަމުންގެންދާ ގޮތުން ފެށިގެން، އެކި ބާވަތުގެ ކުނިވަކިކުރުމާއި އެއަށް ފަހު ކުންޏާމެދު ކަންތައް ކުރެވިގެންދާ ގޮތް ތަފުސީލުކޮށް ނޫސްވެރިންނަށް ޢަމަލީގޮތުން ދައްކައި، އިތުރަށް ބުނެދީ އޮޅުންފިލުވައިދީފައި ވެއެވެ.

މީގެ އިތުރުން، ތިލަފުށިން ދުން އެރުން ހުއްޓުވި ގޮތް އަދި ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމާއި ގުޅޭ ތަފުސީލީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިހަަރަކާތުގައި ނޫސްވެރިން ވަނީ، ތިލަފުށީގައި ހުންނަ ކުނި ފަރުބަދައެއްގެ އެންމެ އުހަށް އަރައި، މުޅި ސައިޓްގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާފައެވެ.