ސައުތު ޕެސިފިކް އޯޝަންގެ ބިންތިރި ޖަޒީރާ ގައުމެއް ކަމަށްވާ ވަނުއާޓޫގެ ޕާލަމެންޓުން އެގައުމުގައި ކްލައިމެޓް އިމަޖެންސީ އިއުލާން ކޮށްފިއެވެ.

ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ވަނުއާޓޫގެ ބޮޑުވަޒީރު ބޮބް ލަފްމަން ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުން ގޯސްވުމުގެ ސަބަބުން އެގައުމަށް މިހާރުވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

އެގޮތުން، ދާދިފަހުން ވަނުއާޓޫ ތަޖުރިބާކުރި ދެ ތޫފާނާއި، ހަމަ އެއާއެކު ވޭތުވެދިޔަ އަހަރުތަކުގައި ވަނުއާޓޫ ތަޖުރިބާ ކޮށްފައިވާ ހަނަފަސްކަމުގެ މައުލޫމާތު ބޮޑުވަޒީރު ޕާލަމެންޓްގައި ހިއްސާ ކުރެއްވިއެވެ.

ބޮބް ލަފްމަން ވިދާޅުވީ، ދުނިޔެ މިހާރުވެސް ވަރަށް ހޫނުގަދަ ވެފައިވާ ކަމަށާއި، އިންސާނުން ދިރިއުޅެން ރައްކާތެރި ނޫން މިންވަރަށް ހޫނުމިން މަތިވަމުންދާ ކަމަށެވެ.

ދުނިޔެ ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޫސުން ގޯސްވުމުގެ މައްސަލަތަކުގެ ސަބަބުން ނުރައްކާ ވާނީ މުސްތަގްބަލުގައި ނޫން ކަމަށާއި، އެކަމުގެ ނުރައްކާ މިހާރު ފޯރަން ފަށާފައިވާ ކަމަށް ވަނުއާޓޫގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ވަނުއާޓޫ ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ޕެރިސް އެގްރީމެންޓްގައި ހިމެނޭ ކަންކަން ހާސިލްކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނޭ ކަމަށްވެސް އެގައުމުގެ ބޮޑުވަޒީރު ޕާލަމެންޓުގައި ވިދާޅުވިއެވެ.

ބޮޑުވަޒީރު ބޮބް ލަފްމަން ހުށަހެޅުއްވި މައްސަލައަށް ވަނުއާޓޫގެ ޕާލަމެންޓުގެ އިއްތިފާގުންވަނީ ތާއީދުކޮށްފައެވެ.

އަދި، މި ގަރާރުގެ ދަށުން ވަނުއާޓޫގައި ކްލައިމެޓް އިމަޖެންސީ އިއުލާންކުރީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އިސްލާހީ މަދަލުތައް ގެނައުމަށް މަގުފަހި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަގުފަހި ކުރުން ކަމަށް ވަނުއާޓޫގެ ސަރުކާރުން ބުނެއެވެ.

އަދި މިހާލަތު އިއުލާންކުރީ، މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔޭގެ ނާޒުކު ކުދި ގައުމުތައް ހިމާޔަތް ކުރުމަށް އދގެ ކޯޓުން މަސައްކަތްތަކެއް ކޮށްދިނުމަށް އެދި ވަނުއާޓޫއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ނަގަން ތައްޔާރުވަމުންދާ ވޯޓާ ދިމާކޮށް ހިންގާ "ކްލައިމެޓް ޑިޕްލޮމަސީ ޕުޝް" ގެ ތެރެއިންނެވެ.

80 ކުދި ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ވަނުއާޓޫއަކީ ގާތްގަނޑަކަށް ތިންލައްކަ މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

އެގައުމުން މަސައްކަތް ކުރަމުން ގެންދަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ލިބޭ ގެއްލުންތަކާއި، އެކަމުގެ ސަބަބުން އިންސާނީ ދިރިއުޅުމަށް ކުރާ އަސަރުތަކުގެ ބަދަލު ލިބޭނެފަދަ ގޮތަކަށް ބައިނަލްއަގްވާމީ ގާނޫނީ އޮގިނޑު ބައްޓަން ކުރުމަށް މަގުފަހި ކުރުމަށެވެ.