މާލެ އަތޮޅު ތިލަފުށްޓޭ ބުނެފިނަމަ ސިކުނޑީގައި ފުރަތަމަވެސް ކުރެހޭނީ ކުނިގޮނޑެކެވެ. ތިލަފުށްޓަކީ މާލެއަތޮޅު ގިރާވަރާއި ގުޅިފާޅާއި ދެމެދު ވާދޫކނަޑާއި އިންވެގެން އޮތް "ދެކުނު ތިލަފަޅު" ގެ ނަމުން މަޝްޙޫރުވެފައިވާ ފުންވިލެއް އޮތް ތިލަފަޅެކެވެ.

މާލޭގައި ބޮޑުވެފައި އޮތް ކުނިގޮނޑު ހުސްކޮށްލުމަށްޓަކައި ކުނި ގެންދާނެ ތަނެއް ހޯދުމާއި ބެހޭގޮތުން ބޭއްވުނު މަޝްވަރާތަކާއި ތަޖުރިބާ ދަތުރުތަކާއި މަސައްކަތްތަކަށްފަހު ތިލަފުށި ވުޖޫދަށް އައީ 1991 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހުއެވެ. ތިލަފުށީގެ ޙަޔާތުން މި ވޭތުވެދިޔަ ދިގު އަހަރުތަކުގައި އެތަން ގޮނޑުވެގެން ދިޔަ ބާރުމިނުގައި ކުނި ގޮނޑުތައް ފަރުބަދަތަކަށް ވިއެވެ.

އެރަށަށް ކުނި އެޅުމުގައި އަދި ނައްތާލުމުގައި ހަރުދަނާ އުސޫލުތަކެއް މީގެ އަހަރުތަކެއް ކުރިއަށް ބަލައިފިނަމަ ނެތެވެ. ހަމައެއްލަމައެއް ނެތި ކުނިއަޅައި އަންދައިގެން ކުނި ނައްތާލުމުގެ ނަތީޖާއަކަށްވީ ވައި ތަޣައްޔަރުވެ، އެ ކަމުގެ އުނދަގޫ ކައިރީގައި އޮތް ވިލިމާލޭގެ ރައްޔިތުންނަށް ވެސް ކުރުމެވެ. ތިލަފުށްޓަށް މީގެ އަހަރުތަކެއް ކުރިން ޒިޔާރަތްކުރި ކޮންމެ މީހަކަށް ވެސް ވަދެވިފައިވަނީ "ދުން ބޯޓެއްގެ" ތެރެއަށެވެ. މެހީގެ އުނދަގޫ އެހާރު އިންތިހާއަށް ޖެހުނެއެވެ.

2019ގެ ކުރިން ތިލަފުށި

އޭރު ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ކަންކަން އޮތީ ތިމާވެއްޓާއި ބީރަށްޓެހި އާންމު ސިއްހަތަށްވެސް ނުރައްކާވާ ގޮތަކަށެވެ. މާލޭ ސަރަހައްދާ އަދި އަތޮޅުތެރޭގެ ރަށްރަށުގައްޔާއި ރިސޯޓުތަކުގައި އުފެދޭ ހުރިހާ ކުންޏެއްހެން ޖަމާކުރަމުން އައީ ތިލަފުށްޓަށެވެ. ތިލަފުށްޓަށް 500 ޓަނާއި 700 ޓަނާއި ދެމެދުގެ އަދަދަކަށް ކުނި ކޮންމެ ދުވަހަކު ވެސް އައީ ޖަމާކުރަމުންނެވެ. އެ ކަމަށް އަވަސް ފިޔަވަޅެއް ނާޅައިފި ނަމަ، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އެރަށް ފުރި، އިތުރަށް ކުނި ޖަމާނުކުކުރެވޭ ހާލަތަށް ހިނގައިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.

އެހެންކަމުން، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން، އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ މާލިމީ ކަމުގައި މިކަމަށް މޮޅު ގޮތެއް ރޭއްވެވިއެވެ. އީޖާދީ ވިސްނުމެއްގައި ފެށި ހައްލުގެ ދަތުރުގައި އެންމެ ފުރަތަމަ ލިބުނު ކާމިޔާބީއަކީ ވިހަ ދުންއަރަމުން ދިޔަ ތިލަފުށިން އެއްވެސް ވަރަކަށް ދުން ނާރާގޮތް ހެދުމެވެ. މިހާރު ތިލަފުށީ ކުނި ފަރުބަދައަށް ރޯކުރާނެ ކުންޏެއް ނާޅައެވެ. ދުމެއްވެސް ނާރައެވެ. މިނިސްޓްރީގެ ވިސްނުމަކީ އެ ފަރުބަދަތައް ފެހިކަން ގަދަ އާރޯ ތަނަކަށް ހެދުމެވެ.

ތިލަފުށްޓަށް ގެންދާކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ސަރުކާރުން މިވަނީ މިހާރު ގޮތެއް ހޯދާފައެވެ. އެގޮތުން، މާލޭ ސަރަހައްދާއި ރަށްރަށުން ތިލަފުށްޓަށް ކުނި ގެންދާ ގޮތަށް ބަދަލު ގެނެސް، އެ ކުނިތައް ގެންދާނީ ބާވައްތައް ވަކިކުރެވި، މޫދަށާއި ކަނޑަށް އެއްވެސް ވަރަކަށް ނޭޅޭނެހެން ރައްކާތެރިކަމާއެކު ކޮންޓެއިނަރުތަކުގައި ބަންދުކޮށްގެން ކަމަށް ނިންމުނެވެ.

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި ބަލައިގަންނާނީ އެކި ބާވަތުގެ ކުނި ވަކިކޮށްގެން ބަހައްޓާފައިވާ ނަމަ އެކަނި ކަމަށް ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީވެސް މިއީއެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނި ވަކިކުރަން ޖެހޭނީ ތިން ބަޔަކަށެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި އެއްކޮށް، ޕްލާސްޓިކް ފުޅި ވަކިން އަދި އެހެނިހެން ހުރިހާ ބާވަތުގެ ކުންޏެއްވެސް ވަކިންނެވެ. އެހެން ސަރަހައްދުތަކުން ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ބަންދުކުރަން ޖެހޭނީ އެއް ކޮތަޅެއްގަ އެވެ. ޕްލާސްޓިކް ފުޅި ވަކިން އަދި މައުދަނާއި ބިއްލޫރީގެ ބާވަތްތައް ވެސް ޖެހޭނީ ވަކިން ބަންދުކުރާށެވެ.

ކޮންޓެއިނަރަުތަކުގައި ބަންދުކުރެވިގެން ގެންދާ ކުނި ތިލަފުށީގައި ރައްކާތެރިކަމާއެކު ބެހެއްޓި، މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރުމަށް ނިންމާފައިވާ ކުނި ނައްތާލުމަށް ހާއްސަ މެޝިނަކުން ނައްތާލާނެއެވެ. މި މެޝިނަކީ އީޔޫއިން ގަބޫލުކުރާ މިންގަނޑަށް ފަރުމާކުރެވި، ރާއްޖޭގެ މާހައުލަށްވެސް އެންމެ އެކަށީގެންވާ މެޝިނެކެވެ. އެހެންކަމުން މި މެޝިނަކީ ޖައްވަށް ވިހަ ގޭސް ބޭރުކުރާނެ މެޝިނެއް ނޫނެވެ. ކުނި ނައްތާލުމަށް ތިލަފުށީގައި ގާއިމުކުރާ މި މެޝިން އޮޕަރޭޝަނަށް ގެނެވުމުން ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ހާސްކަމެއް ނެތި ތިލަފުށީގައި ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެއެވެ.

ތިލަފުށި --- 28 މެއި 2022 / ފޮޓޯ: ވީނިއުސް

މި މެޝިނުން ނައްތާލެވޭ ކުނިން އުފެދޭ އަޅިތައް ބޭނުންކުރާނީ މަގު ހެދުމާއި ގާއެޅުން ފަދަ މަޝްރޫއުތަކަށެވެ. އަދި މެޝިނުން ނައްތާނުލެވޭ ޕްލާސްޓިކް ކުންޏާއި ކޮންސްޓްރަކްޝަން ކުނީގެ ބާވަތްތައް ރިސައިކަލް ކުރެވާނެއެވެ. މީގެ އިތުރުން، ވޭސްޓް އެނާޖީ ޕްލާންޓް ނުވަތަ ކުނިން ހަކަތަ އުފެދޭ ނިޒާމެއް ގާއިމުކޮށް، ދުވާލަކަު 8 މެގަވޮޓާއި 8.5 މެގަވޮތާއި ދެމެދުގެ ކަރަންޓް އުފެއްދޭނެއެވެ.

މި ވަޞީލަތްތައް ގާއިމުކުރެވެންދެން ތިލަފުށްޓަށް ޖަމާކުރެވޭ ކުނިތައް ބަހައްޓާނީ، ކުނިތައް ވަކިކޮށް، ބަންޑެލިކޮށް، ބަންދުކޮށްފައެވެ.