ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ހުޅުމާލޭ އެކި ސަރަހައްދުތަކުގައި ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ސާފުތާހިރުކަމާއި ތިމާވެށީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

އަދި ޑަސްބިން ތަކަކީ ހުޅުމާލޭގައި ސާފުތާހިރު ވެއްޓެއް ގާއިމުކޮށް، ޕްލާސްޓިކް މަދުކުރުމުގެ މަގްސަދުގައި ބަހައްޓާ ޑަސްބިން ތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 345 ޑަސްބިން ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 41 ޑަސްބިން ބަހައްޓާއިރު ދެވަނަ ފިޔަވަހީގައި 108 ޑަސްބިން އަދި ތިންވަނަ ފިޔަވަހީގައި 196 ޑަސްބިން ބަހައްޓަން އެޗްޑީސީން ވަނީ ނިންމައިފައެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ މި ޑަސްބިންތައް ފަރުމާ ކޮށްފައިވަނީ ރީސައިކަލް ކުރެވޭނެ ކުނިތައް ވަކިން އެޅޭނެ ގޮތަށް ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުނި 4 ބަޔަކަށް ވަކިކޮށް އެއްބާވަތް އަނެއް ބާވަތާ އެއް ނުވާނެހެން ކުނި ނެރުމަށް ވެމްކޯއިން ވަނީ އަންގާފައެވެ.

އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަން ވާނީ ވަކިކޮށްފައެވެ. މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން އުކާލުމަށް ނެރޭ ކުނިތައްވެސް ހުންނަން ވާނީ ވަކިކޮށްފައެވެ.

މީގެ އިތުރުން ކުނި ވަކިކޮށްފައި ހުންނަންވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

މިގޮތަށް ކުނި ވަކިނުކޮށް ނެރެނުކަމުގައި ވިޔަސް އެ ކުންޏެއް ވެމްކޯއިން ނުނަގާނެ ކަމުގެ އިންޒާރުވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ވަނީ ދީފައެވެ.