ތިމާވެއްޓާ ރައްޓެހި "ސްޓާޗް ކޮތަޅު" ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖު ވިދާޅުވީ، ކުނި އުކާލުމުގައި ބޭނުންކުރަން ޖެހޭ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކޮށް އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުނި އުކާލަން ޚާއްސަކޮށްގެން ތިމާވެއްޓާ ރައްޓެހި ކޮތަޅު ރާއްޖެއަށް އެތެރެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް އަދި ތިމާވެއްޓާ ރައްޓެހި ކޮތަޅު ތައާރަފް ކުރާނީ ކޮން އިރަކު ކަމެއްވެސް ސިރާޖު ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުމެން މި ބޭގް ކަންތަކުގައި އެބަ ހޯދަން ހައްލެއް. އެ މަސައްކަތް އަޅުގަނޑުމެންގެ ބްޒްނަސް ޑިވެލޮޕްމަންޓްގެ ތެރެއިން އެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އަޅުގަނޑުމެން ޕްލާސްޓިކް ބޭގްގެ އިތުރުން ސްޓާޗް ބޭގް ރާއްޖެއަށް އެތެރެކޮށް، ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ."
ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖު

ސްޓާޗް ކޮތަޅަކީ 3 މަސް ދުވަހުގެ ތެރޭގައި ނެތިފަތާނެވެގެން ދާނެ ފަދަ ގޮތަކަށް، އުފައްދާފައިވާ ކޮތަޅެކެވެ.

ސިރާޖު ވިދާޅުވީ ރާއްޖޭގެ ކުނިމެނޭޖް ކުރުމާބެހޭ ޤަވާއިދުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އަންނަމަހުންފެށިގެން މާލެ ސަހައްދުގެ ގޭބިސީތަކުން އުފައްދާ ކުނި ވަކި ކުރުމަށްފަހު ނެރެން އެންގިނަމަވެސް ޚިދުމަތަށް ނަގާ ފީއަށް ބަދަލު ނާންނާނެކަމަށް ވެމްކޯއިން ބުނެއެވެ.

ގޭބީސީތަކުން ކުނި އުކުމަށް ތިމާވެއްޓާއި ރަށްޓެހި ކޮތަޅު ރާއްޖެ ގެނައުމުގެ މަސައްކަތް ވެމްކޯއިން ފަށާފައި މިވަނީ އަންނަ މަހުން ފެށިގެން ގޭބީސީތަކުން އުކާލާ ކުނި އެކި ބައިބަޔަށް ވަކިކޮށްގެން ނެރުމަށް ކަނޑައެޅުމަށް ފަހުއެވެ.

އެގޮތަށް އެކަން ކުރާކަމުގައިވާނަމަ ޕްލާސްޓިކް ކޮތަޅު އިތުރުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯއިން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތަށް 42 މިލިއަން ރުފިޔާ އަދިވެސް ނުލިބި ވާކަން ފާހަގަކުރެއްވިއެވެ. އެމައްސަލަ ހައްލުކުރުމަށް އަޅަންޖެހޭނީ ޤާނޫނީ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ހުރި ބިލްތައް ސަސްޕެންޑްކޮށް ރަނގަޅު ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސިރާޖު ވިދާޅުވިއެވެ.

އައު ޤަވާއިދުގައި ވާގޮތުން، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އުކާލާ ކުނި ގޭބިސީތަކުން ނެރޭއިރު ހުންނަން ވާނީ 4 ބަޔަށް ބަންދުކޮށް އެއްކުނީގެ ބާވަތް އަނެއް ކުނީގެ ބާވަތާ އެއްނުވާނެހެން ވަކި ކޮތަޅުގައި ބަންދުކޮށްފައެވެ.

މީގެ އިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (CAPS) ގެ ހިދުމަތް ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއް ނުވާނެހެން އުކާލެވޭނެ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.