ދާދިފަހުން ތުރުކީގައި ކުރިޔަށްދިޔަ ބައިނަލްއަޤްވާމީ ބޮކްސިންގް ޗެމްޕިއަންޝިޕްގައި ވާދަކޮށް ގޯލްޑް މެޑަލެއް އިންޑިއާއަށް ހޯދައިދިން އިންޑިއާގެ ބޮކްސަރ ނިޚަތް ޒަރީންއާއި ބެހޭގޮތުން ބައޯޕިކްއެއް އުފައްދާނަމަ، އޭނާގެ ރޯލްއިން ފެންނަން ބޭނުންވަނީ ބަތަލާ އާލިއާ ބަޓްކަމަށް ނިޚަތް ބުނެފިއެވެ.
ނިޚަތްގެ ހިމެނިފައިވަނީ މިހާތަނަށް ދުނިޔޭގެ ބޮކްސިންގް ޗެމްޕިއަންޝިޕްގައި އިންޑިއާއަށް ރީތި ނަން ހޯދައިދިން 5 ވަނަ ބޮކްސިންގް ތެޅުންތެރިޔާއަށެވެ.
އިންޑިއަށް ހޯދައިދިން ގޯލްޑް މެޑަލްއާއެކު ގިނަ ބަޔަކު އޭނާއަށް ތައުރީފުކޮށް މަރުހަބާގެ މެސްޖްތައް ފޮނުވަމުންދާއިރު އުފެދޭ ސުވާލަކީ އޭނާގެ ބައޯޕިކްއެއް ފެނިދާނެތޯ ނުވަތަ ނޫންތޯއެވެ. ސަބަބަކީ އިންޑިއާގައި އުފެދުނު ކާމިޔާބު އަންހެން ބޮކްސަރ މޭރީ ކޮމްގެ ބައޯޕިކްއެއްވެސް ގެނެސްދީފައިވާތީއެވެ.
ބަތަލާ ޕްރިޔަންކާ ޗޯޕްރާ މޭރީ ކޯމްގެ ރޯލްއިން ފެނިގެންދިޔައިރު މިފިލްމަށް އިންޑިއާގެ ޤައުމީ އެވޯޑްވެސްވަނީ ލިބިފައެވެ.
ގިނަ ބަޔަކު ބައޯޕިކްއާއި ވިދިގެން ނިޚަތްއާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އޭނާގެ ބައޯޕިކްއެއް އުފެއްދުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށާއި ނަމަވެސް އޭނާގެ ރޯލް ކުޅެން ބޭނުންވަނީ ބަތަލާ އާލިއާ ބަޓްކަމަށެވެ.
ނިޚަތް ސަމާސާ ރާގެއްގައި ބުނެފައިވަނީ އާލިއާއެކޭ އެއްގޮތަށް އޭނާގެ ކޮލުގައިވެސް "ޑިމްޕަލް" އެބަހުރި ކަމަށާއި ވީއިރު އެރޯލަށް އެންމެ ފެތޭނީވެސް ބަތަލާ އާލިއާ ކަމުގައެވެ.
މިހާތަނަށް އާލިއާ ބައޯޕިކްއަކުން ފެނިފައިވަނީ ދާދިފަހުން ރިލީޒްވި ފިލްމު "ގަންގޫބާއީ" އިންނެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި މިފިލްމު ވެގެންގޮސްފައިވަނީ އާލިއާގެ ކެރިއަރުގައި މިހާތަނަށް އޭނާ ދައްކުވައިދިން އެންމެ މޮޅު ޕާފޯމެންސް ފެނިގެންދިޔަ ފިލްމަށެވެ.
ކުޅިވަރާބެހޭ ފިލްމެއް މިހާތަނަށް އާލިއާ ކުޅެފައިނުވާއިރު ނޮން ފިކްޝަނަލް ފިލްމަކުން އޭނާ ކުރިޔަށް އޮތަނުގައި ފެނިގެންދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އާލިއާ ދާދިފަހުން އަވަދިނެތިކޮށް މަސައްކަތް ކޮށްފައިވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ގައެވެ.
ފިލްމުގައި އާލިއާގެ އިތުރުން ދެން ފެންނާނީ އެކްޓަރު ރަންވީރް ސިންގްއެވެ.
އެންމެ އަވަހަށް އާލިއާގެ ފިލްމެއް ދެން ރިލީޒްވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއީ އަޔާން މުކަރްޖީގެ ފިލްމު "ބްރައްމަސްތުރާ" އެވެ.