ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މުޅި ޕްރޮސިކިއުޝަން ފަސާދަކުރައްވައިފި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހއްމަދު ޖަމީލް އަހުމަދު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ، ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު، ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރ އައިޝަތު މުހައްމަދު، އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ އެންމެހާ މައްސަލަތަކުން ތަނާޒުލްވެވަޑައިގަތުމާ ގުޅިގެންނެވެ.

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އައިޝާ މައްސަލައިން ތަނާޒުލްވެވަޑައިގަންނަވާފައި ވަނީ ޕީޖީ ޝަމީމް އެ މައްސަލައަށް ނުފޫޒު ފޯރުވައި، އެކި ފަރާތްތަކާއި މެދު އެކި ގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހުއެވެ. އެގޮތުން އައިޝާ ވިދާޅުވީ، ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލާގައި އުފުލާފައިވާ ދައުވާއާ ގުޅިގެން އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ބަލައިނުގެނެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރާ ފޯމު، އިސްތިއުނާފުކުރަން ހުށަހެޅުމުގެ މުހުލަތުގެ ފަހު ދުވަހާ ހަމައަށް ޕީޖީ ޝަމީމު ހިފަހައްޓަވައިގެން ހުންނެވި ކަމަށެވެ.

އެކަމާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، ޕީޖީ ޝަމީމަކީ ގާނޫނު އަސާސީއާއި ގާނޫނާ ޚިލާފަށް ރައީސް ޔާމީނަށް ނުހައްގުން ދައުވާކުރާ ފަރާތެއްކަން އެސްޕީޕީ އައިޝާގެ ވާހަކަތަކުން ސާބިތުވެއްޖެ ކަމަށެވެ.

ހެކިންނަށް އިމްތިޔާޒް ދިންއިރު އެމީހުންގެ ވަކީލް، މިހާރު އެމީހުން ބޭނުންކޮށްގެން ސިޔާސީ ދަޢުވާ އުފުލަނީ.މުޅި ޕްރޮސެކިއުޝަން ފަސާދަކޮށްފި.
ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަދި، ޕީޖީއަކީ ހެކިންތަކަކަށް އިމްތިޔާޒު ދިންއިރު އެމީހުންގެ ވަކީލުކަމަށާއި، މިހާރު އެމަނިކުފާނު ގެންދަވަނީ އެހެކިން ބޭނުންކުރައްވައިގެން ސިޔާސީ ދައުވާތައް އުފުއްލަވަމުން ކަމަށެވެ.