ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން އެކަހެރިކޮށްފިއެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ.
އައިޖީއެމްއެޗް އިން މިމައްސަލައިގައި ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލެ ހޮސްޕިޓަލްގައި ތުއްތު ކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި އެޗްޕީއޭ އިން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލަގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައާ ގުޅިގެން ވިލިމާލޭގެ ބައެއް އާންމުންވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.