ތިރީގައި މިވަނީ، ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
*****
ފެންވަރައިގެން ނިކުމެ އަތަށް އެޅުނުހާ ތެލެއް ބޮލުގައި ހާކާލުމަށްފަހު ބޮލުގެ ދެފަރާތަށް ފުނާއަޅައި ފެހި ކޯލާވައްޓަރު ފުޅިން ރަނގަޅަށް "ފެންވަރާލައިގެން" ހުކުރައްދާން ގެންގުޅޭ ފަޓުލޫނުގަނޑާއި އަތްދިގު ގަމީސް ލައިގެން މުނާޒު ބައިސްކަލުގައި އެހެރަގެން ނައްޓާލީ ގަޔަށް ލެވުނުހާ ބާރެއްލާފައެވެ. ނެގި ނެގިފައި ޖެހެމުންދިޔަ ހިތަކައިގެން ފުރޮޅުޖޯޑު އަނބުރަމުން ހަނިމަގުތަކުން ދުއްވަމުން ދިޔައީ މަގު ކުރުކުރުމުގެ ނިޔަތުގައެވެ. މުނާޒުގެ މިސްރާބު ފާލަމާއި ދިމާލަށް ހިފާފައި އެހުރީ މިފަދަ ފުރުސަތެއް ދެން އޭނާއަށް ނުލިބޭނެކަން ކަށަވަރުވާތީއެވެ. މުނާޒަކީ ކަންކަމުގައި އިސްނަގަން ކެރޭ މީހެއް ނޫންނަމަވެސް މި ފުރުސަތު ނަގާލަން އޭނާ ބޭނުން ނުވާތީއެވެ.
މެންދުރުގެ ގަދަ ހޫނުގައި ފާލަން ދޮށާއި ހިސާބައް ދެވުނުއިރު ބުރާގު ދޯންޏަށް ފުރަން މީހުން އަރަނީއެވެ. ކެތް މަދުވެފައި މުނާޒު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރީ އޭނާގެ ހިތުގެ ރާނީ ދޯންޏަށް އަރަން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. މުނާޒު އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީއެވެ. ރަންޏެއް ފަދައިން ފާލަން މަގުގެކޮޅުން އެހެރަ ދައްކާލީ ވަސީމާއެވެ.
ހާދަ ޗާލެވެ. ހާދަ ނަލައެވެ. ޒެންޑޯ ފައިވާނުގައި މާޖެހި ހެދުން ބުރިއަކާ ކަޅު ހަރުވާޅެއްގައި ފަރިކޮށް ހިނގާލާފައި އެހެރަގެން އަންނަނީ ސާދަވިލޭރޭގެ ހަނދެވެ. މުނާޒުއެހުރީ ކަޅި ޖަހާނުލައި ފާލަން މަގުގެ ކޮޅުން އަރައިގެން އަންނަ ހަނދަށް ބަލަހައްޓައިގެންނެވެ. ވަސީމާ އޭނާއާއި އަރާ ހަމަކުރާނެ އިރެއްގެ އިންތިޒާރުގައެވެ. ދަބަސްގަނޑު ހިފައިގެން ވަސީމާ ސީދާ މިސްރާބުޖެހީ މުނާޒާއި ދިމާލަށެވެ. ވަސީމާއަށް މުނާޒަކީ ރަހުމަތްތެރިއެކެވެ. އެހެނަސް މުނާޒަށް ވަސީމާއަކީ ހިތުގެ ވިންދެވެ. ލޮލުގެ ފެނުމެވެ. ހުރިހާ ހިތްހަމަ ޖެހުމަކާއި އުފަލެއްގެ ވެރިޔާއެވެ.
މަޑުހިނގުމެއްގައި ވަސީމާ އައިސް ސަލާންކޮށްލުމަށް އަތްދިއްކޮށްލިއެވެ. ވަސީމާގެ އަތާއި އަތް ޖޯޑުވި ވަގުތަކީ މުނާޒަށް ދުނިޔެ ހިނގުން ހުއްޓުނު ވަގުތުކޮޅެކެވެ. ވަށާއިގެންވާ މާހައުލު މުނާޒަށް ގެއްލުނުފަދައެވެ. ކުރިމަތީގައި ހުރި ވަސީމާ ފިޔަވައި ދެވަނަ އެއްޗެއް އޭނާއަކަށް ނުފެނެއެވެ. ފެންނަންހުރީ ވަސީމާގެ ވަށައިގެން ރީތި ކުލަތަކުން ޖަރީވެގެންވީ މާހައުލުގައި ރީތި ކުލަކުލައިގެ މާތަކުން ފުރިފައި ވާތަނެވެ. ކުލަކުލައިގެ ކޮކާތަކާ ބަޅިނދާ އުދުހި ނަގަނީއެވެ. ވަސީމާގެ ވަށައިގެންނެވެ.
"ހިތްހެޔޮ ކުރާތި!" ވަސީމާގެ އަޑާއިއެކު އަވާމެންދުރެއްގައި އެނބުރި ނަގަންމުންދިޔަ މުނާޒަށް ހަމަހޭވެރިކަންވިއެވެ. ޖަވާބުދޭން މަސައްކަތް ކުރި ނަމަވެސް މުނާޒުގެ އަޑެއް ނުނިކުތެވެ. ހިން ދިރުވާލުމަށްފަހު ދެވަނަ ފަހަރަށް ވަރަށް މަސައްކަތުން "އަހަރެންގެ ހިތް ވަސީމާއަށް އަބަދަށް ހެވޭ!" ބުނެލިއެވެ. އެއާއިއެކު ދެންމެ ފޮޅުނު ފިނިފެންމަލެއްގެ ފިޔަތަށް ފަދައިންވީ ވަސީމާގެ ތުންފަތަށް ވެރިކުރުވީ އެ ޖާދުވީ ހިނިތުންވުމެވެ. "ވަސީމީ ހިނިތުންވުމެކެވެ."
ސަލާންކުރުމަށް ވަސީމާ ދިއްކުރި އަތް ތިރިކުރުމަށް ހިފާލުމުން އެއަތުގައި މުނާޒު ތަންކޮޅެއް ބާރަށް ހިފަހައްޓާލިއެވެ. މައުނަވީ ގޮތެއްގައެވެ. އަދި ވަސީމާގެ އަތަށް މަޑުމަޑުން ބާރުކޮށްލީ މުނާޒުގެ ހިތުގެ ތެޅުން ބާރުވަމުންދިޔަ މިންވަރު ހާމަކޮށްދިނުމަށެވެ. ހިތުގައި ފޮރުވާގެން އުޅުނު ހަގީގަތް ހާމަކޮށްދިނުމުގެ ބޭނުމުގައެވެ.
"ވަސީމާ! އަހަރެން ވަސީމާގާތު ވާހަކައެއް ބުނަން ބޭނުން!" އަހަރެން !" ވާހަކައިގެ މެދުތެރެއިން ބުރާގު ދޯނިފުރުން ލަސްވަނީކަމަށް ބުނެ ފަޅުވެރިއަކު އަވަހަށް ވަސީމާ އައުމަށް ގޮވައިލިއެވެ. އެއާއިއެކު ވަސީމާ ދާންވެއްޖެ ކަމުގައިބުނެ އަހަރެން ނަށް ބަލައިލިއެވެ. އަދި ބުނަން އުޅުނު ވާހަކަ އަވަހަށް ބުނުމަށް އެދުނެވެ. އަހަރެންގެ އަރުން ހަމަ އެންމެ ބަހެއްވެސް އިތުރަކަށް ނުނިކުތެވެ. ހަގީގަތުގައި މިފަހަރުވެސް ހަގީގަތް ހާމަކުރަން އަހަރެން ޖެހިލުންވީއެވެ. އެހިތްވަރު އަހަރެންގެ ނެތީއެވެ. ނުވަތަ ބުނަން އަހަރެންނަށް ނުކެރުނީއެވެ.
"ވަސީމާ އަނބުރާ އަންނަ ދުވަހަކުން އެވާހަކަ ބުނާނަން!" ވަރަށް މަސައްކަތުން އެތަށް އުދާސްތަކެއް ފޮރުވަން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ. އެއާއިއެކު ވަސީމާ އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އަނެއްކާވެސް ހިނިތުންވެލިއެވެ. ހަމަ އެ "ވަސީމީ ހިނިތުންވުމުންނެވެ". އަހަރެންގެ ހިތް ކުދިކުދިވެ ވިރިގެންދިޔައެވެ. އެއީ ޖާދުލެކެވެ. ޝިފާއެކެވެ. ޒާތެއްގެ މަސްތެކެވެ. އަހަރެން ހުރީ ކިތަންމެ ހިތްދަތިވެފައި ދެރަވެފައި ނަމަވެސް ވަސީމާގެ އެހިނިތުންވުމުން އަހަރެންގެ ހުރިހާ ކަންބޮޑުވުންތަކެއްގެ މަތިން ހަނދާންނެތި ކުރުވައިފިއެވެ. އަހަރެންގެ އަތުން ވަސީމާގެ އަތް ނެއްޓިގެންދިޔަ ވަގުތަކީ އަހަރެނގެ ހަޔާތުގައިވެސް އައި އެންމެ ހިތްދަތި ވަގުތުކޮޅެވެ. މުޅި އުމުރަށް "އަހަރެންގެ ވަސީމާ" އަހަރެންނާއި އަލްވަދާއު ކިޔަނީ ކަމުގައި އަހަރެންގެ ހިއްސުތައް ބުނެދޭންފެށީ އެ ވަގުތު ކޮޅުގައެވެ. އެވަގުތުކޮޅަކީ އެތަކެއް ހާސް ޖަޒުބާތުތަކެއް އަހަރެންގެ ހިތުގައި ހިނގައިގަތް ވަގުތުކޮޅެކެވެ. ލޯބީގެ ޖާޒުބީ ރާޅުގަތަށް އަހަރެންގެ ހިތުގައި މޮއި ނަގައިގަތެވެ.
ބުރާގު ދޯންޏަށް ވަސީމާ އެރީންސުރެ މުނާޒު ހުރީ ކަޅި ޖަހާނުލައި ވަސީމާއަށް ބަލަންށެވެ. މަޑު ހިނގުމެއްގައި ވަސީމާގޮސް ދޯންޏަށް އަރާ އިށީންގޮތަށް އިތުރު ބަޔަކާއި ވާހަކަދައްކަން އެއިނީއެވެ. ދޯނި ނައްޓާލުމުން މުނާޒު ފެންކަޅިވެފައިވާ ލޮލަކައިގެން ވަސީމާއަށް ހަނާއަޅައިލިއެވެ. ވަގުތު ދިޔަގޮތްވެސް ބުނެދޭން ނޭގެއެވެ. ދޯނިގޮސް އުދަރެހުން ގެއްލެންދެއް މުނާޒުހުރީ ޖެހި ބުދެއްހެން އެމަންޒަރު ބަލާށެވެ.
ވަގުތަކީވެސް ހާދަ ތަފާތު އެއްޗެކެވެ. އިންތިޒާރެއް ކުރާނަމަ ވަގުތު ހޭދަވާލެއް ލަހެވެ. ނަމަވެސް ލަސްވެގެން އުޅޭނަމަ ވަގުތު ހޭދަވާލެއް އަވަހެވެ. އަހަރެންނަށްވެސް މިވީ މިހެންނެވެ. ވަސީމާ ފުރިފަހުން އަހަރެން ފާލަންދޮށަށް ނުދާ ދުވަހަކަށް އިރު ނާރައެވެ. އޭނާގެ އިންތިޒާރުގައެވެ. އަހަރެންގެ ހިތުގެ ތެޅުމާއި ވިންދާ ގުޅިފައިވީ އޭނާއެވެ. ރޭގަނޑުގެ ނިދިން މަހުރޫމު ކުރުވީ އޭނާއެވެ. އެތަކެއްއިރު ފުރޮޅި ފުރޮޅި އޮތެއް ކަމަކު އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އަތުންފައިން މަސައްކަތެއް ކުރާހިތެއް ނުވެއެވެ. ކާކަށް ބޯކަށް ބޭނުމެއް ނުވެއެވެ. އެހެން ނުވާންވީވެސް ފަހެ ކީއްވެ ހެއްޔެވެ. އެއީ އަހަރެންގެ ހިޔަލައެވެ. މިއީ ވަސީމާގެ އަލިފުޅެވެ.
ވަސީމާ އާއި މުނާޒަކީ އެކުގައި ބޮޑުވި ދެކުދިންނެވެ. މަކުތަބަށް އެކުގައި ގޮސް އުޅުނު ދެމީހުންނެވެ. ދެމީހުންގެ ގެ ހުންނަނީ ޖެހިގެން ކަހަލަ ގޮތަކަށް ކަމުން ކުޅެންގޮސް ހަދަނީ ދެކުދިން އެކުގައެވެ. އެންމެފަހުން ވަސީމާ ގުރުއާން ކިޔަވަންދާ އޭނާގެ ބޮޑުދައިތަމެންގެޔަށް މުނާޒު ދިޔައީވެސް އޭނާގެ މަންމަ ގާތު ރޮއި އާދޭސްކޮށްގެނެވެ. ކިޔެވުމުގެ މަގުސަދުގައި ނޫންނަމަވެސް ވަސީމާއާއިއެކު ވުމަށެވެ. ކުޑައިރު އެއީ އެންމެ ގާތް ދެއެކުވެރިންނެވެ. ނަމަވެސް އެކުވެރިކަމުގެ އިތުރުން މުނާޒުގެ ހިތުގައި ވަސީމާއަށް ލޯބި އައީ އުފެދެމުންނެވެ. ފުރާވަރަށް އެޅިފަހުން މުނާޒު ދެކެނީ ވަސީމާއަކީ އޭނާގެ ލޯބިވެރިޔާގެ ގޮތުގައެވެ. ކިތަންމެ ކުޑަ ވާހަކައެއް ނަމަވެސް ހިއްސާކުރެއެވެ. މަންމަ މަޅުކޮށްދޭ ހަކުރު މެޓާ ވަސީމާއަށް ނުދީ މުނާޒަށް ހިތްހަމަ ނުޖެހެއެވެ. ގަހުން ފޭރެއް, އަތައެއް, ކުންނާރެއް ބިނދެފައި ދިނަސް ވަސީމާއަށް ދީގެންނޫނީ ނުކެވެއެވެ.
މާލެ ދިޔަފަހުން ވަސީމާގެ ހަބަރެއް މުނާޒަކަށް ނުވެއެވެ. ބައެއްފަހަރު ވަސީމާގެ މަންމަ ދަލޭކަ ގާތު އޭނާގެ ވާހަކަ އަހާލެވެއެވެ. ހާލު އެނގުން ފިޔަވާ އިތުރު ވާހަކައެއް އަހާލަން ނުކެރެނީ މުނާޒުގެ ހިތުގައި ފޮރުވިފައިވީ ލޯބި ފަޅާއަރައިފާނެތީއެވެ. މުނާޒު ބަލަން ޖެހިފައިވީ މުސްކުޅި މަންމަ ނެތްނަމަ އޭނާ ރަށުގައި އެންމެ ދުވަހަކުވެސް މަޑުނުކުރާނެކަން ކަށަވަރެވެ. ސިއްރުން މުނާޒު ލިޔުނު ކިތަންމެ ސިޓީއެއް ފޮނުވަން ނުކެރިފައި އެހުރީ ފޮރުވާފައެވެ. ކުރެވޭ ކޮންމެ ނަމާދެއްގައި ވަސީމާއާއިއެކު ވުމަށް އެދި ދުއާކުރެވެއެވެ. މުނާޒަށް ނޫނީ ވަސީމާގެ ލޯބި ނުދެއްވުންއެދި ދެންނެވެއެވެ. އަހަރުތަށް ފާއިތުވަމުން ދިޔަގޮތްވެސް ބުނެދޭން ނޭގުނުނަމަވެސް މުނާޒުގެ ހިތުގައި ކުރެހިފައިވީ ވަސީމާގެ ސޫރައަށް ހިޔައްޏެއް, ފަޑުކަމެއް ނާދެއެވެ.
މިއަދަކީވެސް އާދައިގެމަތިން ރީތި ދުވަހެކެވެ. ނޫކުލައިގެ ހިތްގައިމު އުޑު ހުދުކަންގަދަ ވިލާ ކޮޅުތަކުން އެހުރީ ޖަރީކޮށްދީފައެވެ. ހިންދުކަނޑުގެ ރާޅުތަކާ ކުޅެ ހީސަމާސަކުރަމުން އެހެރަ އަންނަ ވައިރޯޅިތަކުން ރުއްތަކާއި ގަސްތަށް ހިތްގައިމު ގޮތަކަށް ލެނބި ލެނބިފައި ތެޅިލައެވެ. ފަރުވާތެރިކަމާއިއެކު ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކުން ހިތްގައިމު ރާގެއް ދިޔައީ ކުޅެމުންނެވެ.
އަތިރިމަތީގައި ހުރި ހޮޅުއަށީގައި އިށީންދެލައިގެން އެއިނީ ސާޅީހުގެ އަހަރުތަށް ގުނަމުންދާ ފިރިހެނެކެވެ. ތުބުޅީގަޔާއި ބޮލުގައި ކޮންމެސް ވަރަކަށް ހުރީ ނުރަޖަހަން ފަށައިފައެވެ. ހޮޅުއަށީގައި މޫދާއި ދިމާލަށް ބަލަހައްޓައިގެން ދޮހޮއްކޮބޭގެ ވާހަނދާނަކުން ރޮވެނީ މާދުރަށް ނުފެނިދާތީ މިލަވަ މަޑުމަޑުން ކިޔާލަ ކިޔައިލަ އެއިނީ މުނާޒުއެވެ. މިއަދަކީވެސް އާދައިގެމަތިން މާލެއިން ރަށަށް ދޯއްޏެއް އަންނަ ދުވަސްކަމުން އަތިރިމަތީގައި މަޑުކޮށްލައިގެން އިނީއެވެ. އޭނާގެ ނިމުމެއްނެތް ދިގު އިންތިޒާރުގައެވެ. ނިއްވާނުލައި ހިތުގައި އަނދަމުންދިޔަ އުންމީދީ ހުޅުކޮޅުކޮޅައިގެންނެވެ.
ދޯނިން މީހުން ފައިބައި ނިމި އެންމެ ފަހުން ފަޅުވެރިން ދޯނި އަޅާފައި ގެޔަށް ދިޔައިރުވެސް މުނާޒު އިނީ ހޮޅުއަށީގައި އެދިމާލަށް ބަލަހައްޓައިގެންނެވެ. ފަޅުވެރިކުދިންނާއިއެކު އެއްގަމަށް އަރައިގެން އައި ކުދިންތަކަށް ކޮންމެވެސް ވާހަކައެއް ދައްކަން މަޑުކޮށްލުމަށްފަހު ކައްޕި މިސްރާބުޖެހީ ހޮޅުއައްޓާއި ދިމާލަށެވެ. ހޮޅުއަށީގައި އިން މުނާޒު އާއި ދިމާލަށެވެ.
"ކިހިނެއް ކަންތައްތައް?" ކައްޕި އަހާލުމުން ދެން ހަމަ އެކަހަލަގޮތެކޭ ބުނެ އޭނާ އެދުނު ކަންތައް ދިޔައީ ކިހިނެއްތޯ ސުވާލުކޮއްލިއެވެ. ޖަވާބުގައި ކައްޕިގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވާފައި "ވަރަށް އަވަހަށް އެކަންތައް ވާނެ! މިހާރު އިނީ ވަރިކޮއްފަ! ދެން ފުރާ އެއްޗަކުން ރަށަސް އަންނާނަމޭ ބުނެދޭށޭ ބުނި!" އިރުގަނޑަކު ކައްޕި އާއި މުނާޒު ވާހަކަ ދައްކަން ތިބުމަށްފަހު ދެން އިހަށް ގޮސްލަނީއޭ ބުނެ ކައްޕި ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސްފައި އެނބުރި ހޮޅުއަށީގައި އިން މުނާޒުއަށް ބަލާލުމަށް ފަހު ދެފަރާތަށް ބޯހަލުވާލަމުން" ޕިސް ޕިސް! ނާ އެއީ ލޯބި!" އޭ ބުނެލިއެވެ. އަދި ގެޔާއި ދިމާލަށް ހިނގައި ގަތެވެ.
ރީތި
ވަރަށް އަސަރުގަދަ ދިވެހި ވަންތަ ލޯބީގެ ވާހަކައެއް ކަމުގަ ފެނޭ
މީ ދޮންހިޔަލައާ އަލިފުޅަށް ވުރެ އަސަރުގަދަ ލޯބިވެރިއެއް މިހާވަރަށް އަސްލު ވާނެ ނަމަ ކޮންފަދަ. ވަރަށް ރީތި މިވާހަކަ
މާތްކަލާކޯ މިކަހަލަ ލޯތްބަށް ލޯތްބޭ މީހުން ކިޔާނީ