2008 ވަނަ އަހަރު ފިލްމު "ޖާނޭ ތޫ، ޔާ ޖާނޭ ނާ" އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އެކްޓަރު އިމްރާން ޚާންގެ ހަނދާން އެބަހުރިހެއްޔެވެ.

ފިލްމު "އައި ހޭޓް ލަވް ސްޓޯރީސް"، "އެކް މޭން އޯރް އޭކް ތޫ" އަދި "ބްރޭކް ކޭ ބާދް" ފަދަ ފިލްމުތަކަކީ އިމްރާންއަށް ސަޕޯޓްކުރާ އޭނާގެ ފޭނުންގެ މެދުގައި މިއަދުވެސް މަގުބޫލު ފިލްމުތަކެކެވެ.

ދާދިފަހުން އެކްޓަރު އިމްރާންއާ ބެހޭގޮތުން ލިބިފައިވާ ޚަބަރަކީ މިހާރު ފިލްމީ މަސައްކަތްތަކާއި ވަރަށް ދުރުގައި އުޅޭ އެކްޓަރު ފިލްމީ ހަޔާތަށް އެނބުރި އަންނަން އުޅޭ ވާހަކައެވެ.

އެހެންނަމަވެސް ފޭނުން މާޔޫސްވާކަހަލަ ޚަބަރަކަށް މިޚަބަރު ވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އިމްރާން ޚާން ސިނަމާއަށް އެނބުރި އައިނަމަވެސް އޭނާ ފެނިގެންދާނީ ފިލްމު ޑައިރެކްޝަންއިން ކަމަށްވާތީއެވެ.

މަޝްހޫރު އެކްޓަރު އާމިރް ޚާންގެ ބޭބެގެ ދަރިފުޅު އިމްރާން ޚާން ފިލްމީ ދާއިރާއަށް ނިކުތް ދުވަސްވަރު ކާމިޔާބު ރީތި ފިލްމުތައް ކުޅުނު ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ގެއްލުނެވެ.

އެންމެ ފަހުން ބެލުންތެރިންނަށް އިމްރާން ފެނިފައިވަނީ 2015 ވަނަ އަހަރު ބަތަލާ ކަންގަނާ ރަނާވަތްއާއެކު ކުޅުނު ފިލްމު "ކައްޓީ ބައްޓީ" އިންނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނެފައިވަނީ އިމްރާނު ފިލްމީ ދާއިރާއަށް އެނބުރިއައި ނަމަވެސް އޭނާ އެކްޓުކުރުމުގެ ދާއިރާއިން ނުފެންނާނެ ކަމަށެވެ.

މީގެކުރިންވެސް ފިލްމީ ދާއިރާއިން ފިލްމުތަކުން ފެނުނު ނަމަވެސް އިމްރާން ޚާން އެންމެ ފުރަތަމަވެސް ޝައުގުވެރިކަން ހުރީ ފިލްމު ޑައިރެކްޓް ކުރުމަށް ކަމަށާއި، އޭނާ އަންނަނީ ހަޔާތުގެ ފުރަތަމަ ޑައިރެކްޝަންއަށް ތައްޔާރުވަމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު އިމްރާން ޚާން ފިލްމީ ދާއިރާއާ ދުރަށްދިޔަ ދަނޑިވަޅަކީ އަމިއްލަ ޒާތީ ހަޔާތަށްވެސް ބޮޑު ލޮޅުމެއްއައި ދުވަސްވަރެކެވެ.

2011 ވަނަ އަހަރު ލޯބިވެރިޔާ އަވަންތިކާ މާލިކާއި ދެމީހުންގެ ކައިވެނި ރޫޅި ދިރިއުޅުންވަނީ އޭރު ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ދެމީހުންގެ ކައިވެނީގެ ގުޅުމަށް ނިމުން ގެންނަށް ނިންމާފައިވާއިރު މިކައިވެންޏަށް އަންހެން ކުއްޖަކުވަނީ ލިބިފައެވެ.