އެކްޓަރު އަކްޝޭ ކުމާރާއި ބަތަލާ ޕަރިނީތީ ޗޯޕްރާ "ކެޕްސޫލް ގިލް" ކިޔާ ފިލްމަކަށް ސޮއިކޮށްފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މިފިލްމަކީ 2017 ވަނަ އަހަރު އެކްޓަރު އަކްޝޭ ކުމާރް ކޮޕީ ރައިޓްސް ހޯދާފައިވާ ރަނިގަންޖ ކޯލްފީލްޑް ނަމަކަށްކިޔާ ރެސްކިއު މިޝަންއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.
މިއީ 2019 ވަނަ އަހަރު ނެރުނު ފިލްމު "ކޭސަރީ" އަށްފަހު އަކްޝޭއާއި ޕަރިނީތީ އެކީގައި ސްކްރީނުން ފެންނާނެ 2ވަނަ ފިލްމެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން އަކްޝޭއާއެކު ފިލްމަށް ޕަރިނީތީ ސޮއިކޮށްފައިވާއިރު މިފިލްމު ގެނެސްދޭނީ ކާމިޔާބު ފިލްމު "ރުސްތަމް" ގެނެސްދީފައިވާ ވާޝޫ ބަގްނާނީއާއި އަޖޭ ކަޕޫރުގެ ފިލްމު ކުންފުނިންނެވެ.
މިފިލްމުގައި ދައްކުވައިދޭނީ 1989 ވަނަ އަހަރު ހިންގި ރެސްކިއު އޮޕަރޭޝަންގައި 64 މައިނަރުން ސަލާމަތްކުރުމަށް އެއޮޕަރޭޝަންގައި އެންމެ އިސްކޮށްހުރި ޖަސްވަންތް ސިންގް ގިލް ނަމަކަށްކިޔާ މީހަކުކުރި މަސައްކަތްތަކެވެ.
ޗީފް މައިނިންގް އިންޖިނިއަރެއްގެ މަގާމު އަދާކުރަމުންދިޔަ ޖަސްވަންތްވަނީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި ތަށިވެފައިތިބި އެތައްބައެއްގެ ފުރާނަ ސަލާމަތް ކޮށްދީފައެވެ. މިއޮޕަރޭޝަން އެއްކޮށް ނިންމާލެވުނީ ގާތްގަނޑަކަށް 6 ގަޑިއިރުގެ މަސައްކަތްތަކަށް ފަހުގައެވެ.
އިންޑިއާގެ ސަރުކާރުން މިހާތަނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑްވެސް ޖަސްވަންތްއަށްވަނީ ލިބިފައެވެ.
ޚަބަރުތައް ބުނާގޮތުން ފިލްމުގައި އަކްޝޭ ފެނިގެންދާނީ ޖަސްވަންތްގެ ރޯލުންނެވެ.
މިވަގުތު އަކްޝޭ ކުމާރް މަސައްކަތް ކުރަމުންދަނީ ރިލީޒްވުމަށް ތައްޔާރުވެފައިވާ އޭނާގެ ފިލްމު "ސަމްރާތް ޕްރިތްވީރާޖް" ގެ ޕްރޮމޯޝަނަލް މަސައްކަތްތަކުގައެވެ.
ކުރިޔަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު އަކްޝޭގެ އަތުގައި ފިލްމު "ރާމް ސޭޓޫ"، "ގޯރްޚާ" "މިޝަން ސިންދްރެއްލާ" އަދި "ބަޅެމިޔާ ޗޯޓާމިޔާ" ހިމެނެއެވެ.
ބަތަލާ ޕަރްނީތީގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު "އޫންޗާއީ" އަދި އިމްތިޔާޒް އަލީގެ "އަމްރް ސިންގް ޗަމްކީލާ" ހިމެނެއެވެ.