ލާމަރުކަޒީ ގާނޫނުގެ ތެރެއިން ރާއްޖެއަށް ލިބިފައި މިވަނީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވިއަވަތި ރާއްޖެ ކޮންފަރަންސްގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސަބްރާ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ރާއްޖެއަށް ލިބިފައިމިވަނީ ވަރަށް ބޮޑު ފުރުސަތެއް އަދި މިއީ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަންހެން ކައުންސިލަރުން އަދި WDC މެންބަރުންނަށް ވެސް ސިޔާސަތާއި، ކައުންސިލްގެ ނިންމުންތައް ނިންމާ މޭޒުތަކުން ޖާގަ ކަށަވަރުވުމުން ކުރެވޭ ސުވާލުތަކާއި، މަޝްވަރާ އަދި ދެވޭ ޚިޔާލާއި ހައްލު ތަފާތު އަދި މާ ފުރިހަމަވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މޫސުމީ ބަދަލު ނުވަތަ އިނގިރޭސިން ބުނާނަމަ ކްލައިމެޓް ޗޭންޖަކީ، ވަރަށް ޓެކްނިކަލް، ސައިންޓިފިކް ކަމެއް ކަމަށް ގިނަ ފަހަރު ހީވެފައި އޮންނަކަން ފާހަގަކުރައްވާ ސަބްރާ ވަނީ ތިމާވެށީގެ ވާހާކައަކީ ހަމަ އެކަނި ގަސްގަހާ ގެހި، އަދި މަސް މަހާ މެހީގެ ހިމާޔަތުގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ.
ނޫނީ ތަރައްޤީގެ ބާރުމިނަށް އެޅޭ ހުރަހެއްކަމަށާއި ހަޤީގަތުގައި ކުދިޒަޒީރާ ރަށްތަކުގެ ކަނޑު، ފަޅު، ފަރު، ފެނުގެ ފަށަލަ، ރަށްގިރުން، ވިއްސާރަވެ ފެންބޮޑުވުން، އަދި އޭގެ ސަބަބުން ކުދިންނަށް ސްކޫލަށް ނުދެވުން، ދަނޑުތަށް ހަލާކުވުން، އަދި މަސްވެރިކަމަށް ކުރާ އަސަރާއި، މުނިފޫހިފިލުވަމަށާއި، ޞިއްޙަތަށާއި އާމްދަނީ ހޯދުމަށް މިކުރާ ކޮންމެ ކަމެއް ސީދާ ގުޅިފައިވަނީ މޫސުމީ ބަދަލާ ކަމަށްވެސް ސަބްރާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެންމެ ބޮޑު އިގްތިސާދީ 3 ދާއިރާ ކަމުގައިވާ މަސްވެރިކަން، ދަނޑުވެރިކަން އަދި ފަތުރުވެރިކަން ސީދާ ގުޅިފައިވަނީ ގުދުރަތީ މާހައުލުގެ ވިލުމާ ދުޅަހެޔޮކަމާ ކަމަށް ސަބްރާ ވިދާޅުވިއެވެ.
ޓުއަރިސްޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރަނީ ސާފު ދޮންވެލި ގޮނޑުދޮތްތަކާއި، ކުލަގަދަ ފަރުތަކާ، ކަހަނބާ، މިޔަރާއި، ފެހުރިއްސާ އެކީ ސްނޯކަލް ކޮށް ޑައިވް ކުރަންކަން ފާހަގަކުރައްވާ ސަބްރާ ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ އެސިޑިޓީ އިތުރުވީމަ، ހަލާކުވަނީ ފަރުތަށް ކަމަށެވެ.
ގައުމީ އަދި ރަށު ފެންވަރުގައި، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން، ދުނިޔެ އިތުރަށް ހޫނުވުމަށާއި އެކަމުގެ ސަބަބުން ވެއްޓަށް އަންނަ ބަދަލުތަކަށް ކުރިޔާލާ ތައްޔާރުވާން އެބަޖެހޭ ކަމަށްވެސް އެކަމަނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.