ވީމީޑިއާ އިން ވީޓީވީ މެދުވެރިކޮށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ޕްރޮގުރާމްތަކާއި 'ރަންދާން' ދީނީ ސުވާލު މުބާރާތުގައި ހުށަހެޅި އިނާމްތަކުގެ ހައްގުވެރިން އިއުލާންކޮށްފިއެވެ.

އެ ހައްގުވެރިން އިޢުލާންކުރީ ވީޓީވީން ވަގުތުން ގެނެސްދިން، ގުރުނެގުމުގައެވެ. މި ގޮތުން ޖުމުލަ ތިން އިނާމެއްގެ ހައްގުވެރިން އިޢުލާން ކުރިއެވެ.

އެންމެ ފުރަތަމަ އިއުލާންކުރީ މުޅި ރަމަޟާން މަހު އެސްއެމްއެސްކޮށްގެން ހޯދުމުގެ ފުރުސަތު ހުޅުވާލި އެވޮންގެ ފަރާތުން ހުށަހެޅި ބެޑް ރޫމް ސެޓްގެ ހައްގުވެރިޔާއެވެ. ތިރީސްހާސް (30000) ރުފިޔާގެ މި އިނާމް ލިބިފައި ވަނީ 7997897 މި ނަމްބަރު ފޯނުގެ ވެރިޔާ އަށެވެ. މި އިނާމްގެ ހައްގުވެރިޔާއަކީ ކޮބައިތޯ ބެލުމަށް ގުރުނަގާފައި ވަނީ، އެނޮންގެ ފަރާތުން ޝިއުނާއެވެ.

ދެން ގުރު ނަގާފައި ވަނީ ކަލަރލޭންޑުން ހުށަހެޅި ދެ އުމްރާ ދަތުރުގެ ހައްގުވެރިން ބެލުމަށެވެ. މި ގޮތުން 'އައްސަލާމުއަލައިކުމް' މި ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމްގެ ބައިވެރިންނަށް ކަލަރލޭންޑުން ހުށަހެޅި އުމްރާ ދަތުރުގެ ހައްގުވެރި ފަރާތަކަށް ގުރުއަތުން ހޮވުނީ، 7732139 މި ނަމްބަރުގެ ވެރި ފަރާތެވެ.

ކަލަރލޭންޑުން ދެން ހުށަހެޅި އުމްރާ ދަތުރަކީ ރަމަޟާން މަހު ކުރިއަށް ގެންދިޔަ 'ރަންދާން' ދީނީ ސުވާލު މުބާރާތުގައި ބައިވެރިވެ ރަނގަޅު ޖަވާބު ފޮނުއްވި ފަރާތްތަކަށް ހުށަހެޅި އުމްރާ ދަތުރެކެވެ. މި އުމްރާ ދަތުރުގެ ހައްގުވެރިޔަކަށް ގުރުއަތުން ހޮވުނީ، 9883752 މި ނަމްބަރުގެ ވެރިފަރާތެވެ.

ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ސުވާލެއްގެ މަގުން ޖުމްލަ 30 ސުވާލު ގެނެސްދީފައިވާ ރަންދާން ދީނީ ސުވާލު މުބާރާތުގެ ބޮޑު އިނާމްގެ ހައްގުވެރިޔާގެ އިތުރުން، 'އައްސަލާމުއަލައިކުމް' ޕްރޮގުރާމްގެ ބައިވެރިންނަށް ކަލަރލޭންޑުން ހުށަހެޅި އުމްރާ ދަތަރުގެ ހައްގުވެރިޔާ ހޮވާފައި ވަނީ، ކަލަރލޭންޑްގެ ފަރާތުން ވީޓީވީގެ ސްޓޫޑިއޯއަށް ވަޑައިގެން ބޭފުޅުންނެވެ.