އަމީރުލްޙައްޖުގެ ގޮތުގައި މި އަހަރު ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ބުނީ މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލް ހައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ހަމަޖައްސަވާފައިވާ ކަމަށެވެ.
މި އަހަރުގެ އަމީރުލްޙައްޖުގެ ގޮތުގަ އިސްލާމިކް މިނިސްޓަރު ހަމަޖެއްސެވިއިރު މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާއެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން 100 ކޯޓާގެ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔުއި ތިބި ފަރާތްތަކަށްވެސް މިއަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލްސާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޙައްޖު ކޯޕަރޭޝަނުން ވަނީ 100 ކޯޓާގައި ޙައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށް ބުނެފައެވެ. އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ ކަމަށާއި އަދި ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި އުސޫލުގައި ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އުސޫލާ ހިލާފަށް ކަންކަން ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފި ނަމަ 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށްފިނަމަ 30،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.