އެކްޓަރު އާމިރް ޚާނާއި ބަތަލާ ކަރީނާ ކަޕޫރު މުހިއްމު ރޯލްއިން ފެނިގެންދާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

މިއަހަރުގެ އޯގަސްޓް މަހު ރިލީޒްކުރުމަށް ތައްޔާރަވަމުން އަންނަ މިފިލްމުގައި އެކްޓަރު އާމިރް ޚާންގެ ފެނިލުން ތަފާތުވުމުގެ އިތުރަށް އޭނާ ފެނިގެންދާ ކެރެކްޓަވެސް ގިނައެވެ.

މިއަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ މިފިލްމުގެ ޓްރެއިލާ އާއްމުކޮށްފައިވަނީ އެކްޓަރު އާމިރް ޚާން ބައިވެރިވި މިއަހަރުގެ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގެ ފައިނަލް މެޗްގެ އިވެންޓްގެ ތެރެއިންނެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ހޮލީވުޑްގެ ތަރި ޓޮމް ހޭންކްސްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާފައިވާ ކޮމެޑީ ޑްރާމާއެކެވެ. ފިލްމުގައި އާމިރް ޚާން ފެނިގެންދަނީ އެކިކަހަލަ ކެރެކްޓަރއިންނެވެ.

ހެއްވާ މަޖާ ކަންތައްތައް އެކުލެވޭ މިފިލްމުގައި އާމިރް ޚާންއާއެކު ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ކަރީނާ ކަޕޫރެވެ.

މީގެކުރިން ކަރީނާއާއި އާމިރް އެކީގައި ފެނިގެންގޮސްފައިވަނީ ފިލްމު "3 އިޑިއަޓްސް" އާއި ފިލްމު "ތަލާޝް" އިންނެވެ.

ބަތަލާ ކަރީނާ ކަޕޫރު ބުނެފައިވަނީ "ލާލް ސިންގް ޗައްދާ" އަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. ސަބަބަކީ ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައިވަނީ ކޮވިޑްގެ އެންމެ ނުރައްކާ ހާލަތުން އަރައިގަނެވުނު ދަނޑިވަޅުގައެވެ.

އަދި ހަމައެއާއެކު އޭނާ 2 ވަނަ ދަރިފުޅަށް ބަލިވެ އިން ދުވަސްކޮޅު ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވުމުން އެއީ ފިލްމު ޚާއްސަވެގެންދިޔަ އެންމެ މުހިއްމު ސަބަބުކަމަށް ބަތަލާވަނީ ބުނެފައެވެ.

އެންމެ ފަހުން އާމިރް ޚާން ފެނިފައިވަނީ މީގެ 4 ވަރަކަށް އަހަރުކުރިން ރިލީޒްކުރި ފިލްމު "ތަގްސް އިފް ހިންދުސްތާން" އިންނެވެ.

އެހެންކަމުން އޯގަސްޓް 14 ވަނަ ދުވަހު މިފިލްމު ރިލީޒްކުރާ ޚަބަރާއެކު އޭނާގެ ފޭނުންނަށް ބޮޑު އުފާވެރިކަމެއް ވަނީ ލިބިގެންގޮސްފައެވެ.

އާމިރްއާއި ކަރީނާގެ އިތުރުން ފިލްމުގައި ދެން ފެނިގެންދާނީ ޓިވީ ސީރީސްތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ މޯނާ ސިންގްއެވެ.

https://www.youtube.com/watch?v=yTpXn1vtLes