މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު މަޅަޔާޅަމް ފިލްމު "ރިދަޔަމް" ގެ ރީމޭކްއިން ސައިފް ޢަލީ ޚާންގެ ފިރިހެން ދަރިފުޅު އިބްރާހީމް ޢަލީ ޚާން ފެނުމުގެ ފުރުސަތު ބޮޑުކަމަށް މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.

"ރިދަޔަމް" ގެ ހިންދީ ރީމެކް އުފައްދާނީ ޕްރޮޑިއުސަރު ކަރަން ޖޯހަރްއާއި ފޮކްސް ސްޓަރ (މިހާރުގެ ނަމުންނަމަ ސްޓަރ ސްޓޫޑިއޯ) އާއި ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު ސައިފްއާއި ކުރީގެ ކާމިޔާބު ބަތަލާ އަމްރީތާ ސިންގްގެ ދޮށީ ދަރިފުޅު އިބްރާހިމް ފިލްމީ ދާއިރާއަށް ލޯންޗުކުރުމަކީ އޭނާ އަބަދުވެސް ދެކެމުންއައި ހުވަފެނެއް ކަމަށް ކަރަންވަނީ މީޑިއާގައި ބުނެފައެވެ.

މިވަގުތު އިބްރާހީމް މަސައްކަތްކުރަމުން ދަނީވެސް ކަރަން ޖޯހަރްގެ ދަރްމާގެ އުފެއްދުމެއްގައެވެ. އެއީ އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އެވެ. މިފިލްމުގައި އިބްރާހީމް މަސައްކަތް ކުރަމުންދަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ.

އިބްރާހީމް އަލީގެ އިތުރުން އޭނާގެ ކޮއްކޮ އަދި އަރަމުން އަންނަ ބަތަލާ ސާރާ ޢަލީ ޚާންވެސް ލޯންޗުކުރުމުގެ ޒިންމާ ކުރިން ހަވާލުކުރެވުނީ ކަރަން ޖޯހަރްއާއެވެ. އެހެންނަމަވެސް އޭނާގެ ކުންފުނިން ސާރާއާއެކު އުފައްދަން އުޅުނު ފިލްމު ލަސްވުމާ ގުޅިގެން ސާރާއަށްވަނީ އެފުރުސަތު ނުލިބިފައެވެ.

ބަތަލާ ސާރާ އަލީ ޚާން ފިލްމީ ދާއިރާއަށް ތަޢާރަފްވެފައިވަނީ އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތްއާއެކު ކުޅުނު ފިލްމު "ކެދަރްނާތް" އިންނެވެ.

ފިލްމު "ރިދަޔަމް" އަކީ އިބްރާހީމްއަށް އެންމެ އެކަށޭނެ ފިލްމުކަމަށް ބުނަމުން ކަރަން ބުނެފައިވަނީ މިފިލްމުގެ ސްޓޯރީއާއި އޭނާ ވަރަށް ގަޔާވާކަމަށެވެ.

މިހާރު ފިލްމުގެ ކޮޕީރައިޓްސް ދަރުމާއަށް ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު ފިލްމު އުފެއްދުމަށް ގަސްތުކުރަނީ އެފިލްމު އެއްކޮށް ރީބްރޭންޑް ކުރުމަށްފަހުއެވެ.