އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތުގެ ޓްރައްލް ރަސްމީކޮށް ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިންޓަނޭޝިނަލް މަނީ ޓްރާންސްފަރ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މި އަހަރު ކުރީކޮޅު އެ ކުންފުންޏަށް ވަނީ ދީފައެވެ.

އުރީދޫން ބުނީ، މި ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ސިސްޓަމްތައް ބައިނަލްއަގްވާމީ ޕާޓްނަރުންނާއި އިންޓަގްރޭޓްކޮަށް، މި ސިސްޓަމްގެ ތަފާތު ޓެސްޓުތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. މި ޙިދުމަތް ރަސްމީކޮށް އިފްތިތާހުކުރެވުމުން އެމް-ފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ މޮބައިލް މަނީ ދާއިރާއިން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެެކެވެ.

ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް ރަސްމީކޮށް ތައާރަފްވުމުން، އެމް-ފައިސާ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެކަމަށް އުރީދޫން ބުނެއެވެ. އެމް-ފައިސާ ވޮލެޓުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނީ ދިވެހި ރުފިއްޔާއިންނެވެ. އަދި ފައިސާ ލިބޭ ފަރާތްތަކަށް ފައިސާ ލިބޭނީ އެމީހެއްގެ އެކައުންޓަށް ނުވަތަ ޑިޖިޓަލް ވޮލެޓްތަކަށް ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާއިންނެވެ.

މި ހިދުމަތާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އޫރީދޫން ކުރާ ދަތުރުގައި މި ހިދުމަތަކީ، އެޅުނު ވަރަށް ބޮޑު ފިޔަވަޅެއްކަމަށެވެ. އުރީދޫގެ އަމާޒަކީ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ މުއާމަލާތްތަކާއި ފުރުސަތުތައް ފަހި ކޮށްދިނުންކަމަށްެ ނިޔާޒް ވިދާޅުވިއެވެ.

އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ފަސޭހަކަމާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މާލީ ފުރުސަތުތައް ފުޅާވެ، ކޮންމެތާކު އަދި ކޮންމެ ވަގުތަކުވެސް ބޭރު ގައުމުތަކުގައި ދިރިއުޅުއްވައި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފަސޭހަކަން ލިބިގެންދާނެކަންވެސް އޭނަ ފާހަގަކުރެއްވިއެވެ.

އުރީދޫން ބުނީ، އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމް-ފައިސާ ވޮލެޓެއް ރެޖިސްޓަރ ކޮށްލުމުން ފައިސާ ފޮނުވޭނެކަމަށެވެ. މި ޕްރޮޖެކްޓާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް މާލީ ހިދުމަތްތައް އިތުރަށް ފަހިކޮށްް، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫން ވަނީ ދީފައެވެ.