ކޮންމެބޯލް - ޔޫއެފާ ކަޕް އޮފް ޗެމްޕިއަންސް އަކީ، ފުޓުބޯޅައިގައި އެންމެ ނުފޫޒުގަދަ ދެބައްރު ކަމުގައިވާ ޔޫރަޕާއި ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލް މެޗެވެ.

"ފިނަލިސިމާ"ގެ ނަމުން ނަން ދެވިފައިވާ މި މެޗު މިއަހަރު ބާއްވާއިރު، މިއީ 29 އަހަރުގެ މެދުކެނޑުމަކަށްފަހު މި މެޗު ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެފަހުން މިމެޗު ކުޅެފައިވަނީ 1993 ވަނަ އަހަރުއެވެ.

މިފަހަރުގެ ފިނަލިސިމާގައި ވާދަކުރާނީ އިޓަލީ އާއި އާޖެންޓީނާ އެވެ.

މިމެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ. ވެމްބްލީގައި މިމެޗު ކުޅޭއިރު އިޓަލީ އަށް މިއީ ހާއްސަ ދަނޑެކެވެ. އެއީ 1968 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމަށްފަހު، ދެވަނަ ފަހަރަކަށް އިޓަލީން ޔޫރަަޕުގެ ރަސްކަމުގެ ތަހުތަށް އިސްވީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ވެމްބްލީގައި އިނގިރޭސިވިލާތުގެ މައްޗަށް ކުރިހޯދައިގެން ކަމުގައި ވާތީއެވެ.

ޔޫރަޕުގެ ޗެމްޕިއަން އިޓަލީ

އިންގްލެންޑް ބަލިކޮށް ޔޫރޯގެ ޗެމްޕިއަންކަން ހޯދައިގެން އިޓަލީން ދެބައްރުގެ ޗެމްޕިއަނުން ކުޅޭ މެޗުން ޖާގަ ހޯދިއިރު، މިއީ އިޓަލީން މި މެޗު ކުޅޭނެ ފުރަތަމަ ފަހަރެވެ.

މި މެޗާއި އިޓަލީ އިން ކުރިމަތިލާއިރު، އެޓީމުން ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ދެމި އޮތުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. ޔޫރޯ 2020 މުބާރާތް އެގައުމުން ކާމިޔާބު ކުރިނަމަވެސް، އެގައުމަށް 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގައިވެސް އަދި މިއަހަރު ފަހުކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕް މުބާރާތުންވެސް ވަނީ ފުރުސަތު ގެއްލިފައެވެ.

މިމެޗު ވާނީ އިޓަލީގެ ކެޕްޓަން ޖޯޖިއޯ ކިއެލިނީ އަށް ވރަށް ހާއްސަ މެޗަކަށެވެ. ސަބަބަކީ މިއީ އޭނާ އިޓަލީގެ ގައުމީ ޓީމުގެ ޖާޒީގައި ކުޅޭނެ ފަހު މެޗު ކަމުގައި ވުމެވެ.

ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ

އާޖެންޓީނާ އިން މި މެޗުން ފުރުސަތު ހޯދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ކޮޕާ އެމެރިކާގެ ފައިނަލުގައި 1-0 އިން ބްރެޒިލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މިއީ 28 އަހަރަށްފަހު އާޖެންޓީނާއިން ކޮޕާ އެމެރިކާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕާއި ކުރިމަތިލާއިރު މި މެޗުން ކާމިޔާބީ ހޯދުމަކީ އާޖެންޓީނާ އަށް ލިބޭނެ ބޮޑު ކޮންފިޑެންސް ބޫސްޓަކަށް ވާނެއެވެ. އާޖެންޓީނާ އިން މީގެކުރިން ފިނަލިސިމާ ކާމިޔާބު ކޮށްފައި އޮތް އޮތުމަކީ، މި މެޗާ ކުރިމަތިލާއިރު އެޓީމަށް ކާމިޔާބީ ހޯދުމަށް ލިބޭނެ ބޮޑު ހިތްވަރަކަށްވެސް ވާނެއެވެ.

ކޯޗުންގެ ބަސް:

ރޮބާޓޯ މަންޗީނީ (އިޓަލީ)

އިޓަލީ އާއިއެކު ޔޫރޯ ކާމިޔާބުކުރި ކޯޗު މަންޗީނީ ބުނީ، މިއަހަރު އޮންނަ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ލިބެން ޖެހޭ ކަމަށާއި، އެކަން އެގޮތަށް ނުވީ ނަސީބު އެހީތެރި ނުވުމުން އަދި ގިނަ ކަންތައްތަކެއް ޕްލޭން ކުރި ގޮތާއި އިދިކޮޅަށް ދިއުމުން ކަމަށެވެ. އަދި އިޓަލީ މިވަގުތު އޮތީ ޒުވާން ވަރުގަދަ ސްކޮޑަކާއި އެކުގައި ކަމަށާއި، މިދިޔަ އަހަރު ޔޫރޯ މުބާރާތް ކާމިޔާބު ކުރުމާއި، ޔޫއެފާ ނޭޝަންސް ލީގުގައި އެންމެ ވާދަވެރި ގުރޫޕުގައި އިޓަލީ ހިމެނުން މިއީ، މި މެޗާއި ކުރިމަތިލާއިރު މޮޅުވުމަށް އެހީތެރިވާނެ ކަންތައްތަކެއް ކަމަށް މަންޗިނީ ބުންޏެވެ.

ލިއޮނެލް ސްކަލޯނީ (އާޖެންޓީނާ)

ސްކަލޯނީ ބުނީ ވަރުގަދަ ޓީމަކާއި ދެކޮޅަށް، ވާދަވެރި މެޗެއްގައި ކުޅެލަން ލިބުމަކީ އަބަދުވެސް އިންތިޒާރުކުރާ ކަމެއް ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ގައުމީ ޓީމަށް މިމެޗުން ކާމިޔާބީ ހޯދައިދިނުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށް ސްކަލޯނީ ބުނެފައިވެއެވެ.

ދެޓީމުން ބޭނުންކުރާނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11:

އާޖެންޓީނާ

  • އެމިލިއާނޯ މާޓިނޭޒް، ހުއާން ފޮއިތު، ކްރިސްޓިއަން ގެބްރިއަލް ރޮމޭރޯ، ނިކޮލަސް އޮޓަމެންޑީ، މާކޯސް އަކޫނިއާ، ރޮޑްރިގޯ ޑިޕައުލް، ގައިޑޯ ރޮޑްރިގޭޒް، ޖިއޮވާނީ ލޮ ސެލްސޯ، ލިއޮނެލް މެސީ، ލައުޓާރޯ މާޓިނޭޒް، އެންހެލް ޑިމާރިއާ.

އިޓަލީ

  • ޖިއާންލުއިޖީ ޑޮންނަރުއްމާ، ޑި ލޮރެންޒޯ، ލިއޮނާޑޯ ބޮނޫޗީ، ޖޯޖިއޯ ކިއެލީނީ، އެމާސަން ޕަލްމިއެރީ، ނިކޮލާ ބަރޭލާ، ޖޯޖީނިއޯ، މާކޯ ވެރާޓީ، ފެޑެރީކޯ ބާނެޑޭޝީ، ޖިއާންލޫކާ ސްކަމަކާ، ލޮރެންޒޯ އިންސީނިއޭ

ހެޑް-ޓު-ހެޑް

ފުޓުބޯޅައިގެ ތާރީޚުގައި މި ދެޓީމުން ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން މި ދެޓީމުން ވަނީ ޖުމްލަ 16 ފަހަރެއްގެމަތިން ކުރިމަތިލާފައެވެ.

މި 16 ފަހަރުގެ ތެރެއިން އާޖެންޓީނާ ވަނީ 5 ފަހަރަށް އިޓަލީގެ މައްޗަށް ކުރިހޯދާފައެވެ. އިޓަލީން ވަނީ 6 ފަހަރެއްގެ މަތިން އާޖެންޓީނާގެ މައްޗަށް ކުރިހޯދާފައެވެ. ބާކީ 5 މެޗުވީ އެއްވަރެވެ.

އެންމެފުރަތަމަ މި ދެޓީމުން މެޗެއް ކުޅެފައިވަނީ 1954 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެމެޗުން އާޖެންޓީނާގެ މައްޗަށް އިޓަލީން ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

އެންމެފަހުން މި ދެޓީމުން ކުރިމަތިލި 4 މެޗުގައިވެސް އާޖެންޓީނާ އިން ވަނީ އިޓަލީ ބަލިކޮށްފައެވެ. އެގޮތުން ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި 2018 ވަނަ އަހަރާއި 2013 ވަނަ އަހަރު އަދި 2001 ވަނަ އަހަރު ކުޅުނު މެޗުތަކުގެ އިތުރުން 1990 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި މި ދެޓީމުން ކުޅުނު މެޗުގައި އާޖެންޓީނާއިން ވަނީ ކުރިހޯދާފައެވެ.

މުބާރާތުގެ ތާރީޚު

އެތައް އަހަރުތަކަކަށްފަހު ވާދަވެރިކަން ބޮޑުވާނެ މިމެޗު ކުޅޭއިރު، އެންމެފަހުން ކުޅުނު ފިނަލިސީމާ މެޗު ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ. އާޖެންޓީނާ އިން 1993 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކުޅުނު މިމެޗު ކާމިޔާބުކުރީ 90 މިނެޓު ހަމަވިއިރު ދެޓީމު އެއްވަރުވުމުން ޕެނަލްޓީގައި 4-5 އިން ޑެންމާކުގެ މައްޗަށް ކުރިހޯދައިގެންނެވެ.

އެފަހަރުގެ ފިނަލިސީމާ މެޗުން އާޖެންޓީނާ ޖާގަހޯދީ 1991 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކޮށްގެންނެވެ. އަދި ޑެންމާކް މެޗުން ޖާގަހޯދީ 1992 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކޮށްގެންނެވެ.

ފިނަލިސީމާ މެޗުގައި ކުޅޭނީ ޖުމްލަ 90 މިނެޓެވެ. ދެޓީމު އެއްވަރުވިޔަސް އެކްސްޓްރާ ޓައިމްގެ ދެހާފު ކުޅެން ނުޖެހޭއިރު ނަތީޖާ ނެރުމަށް ޖަހާނީ ޕެނަލްޓީއެވެ.

ފިނަލިސީމާ އަކީ ޔޫރަޕު ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ޔޫއެފާ އާއި ސައުތު އެމެރިކާގެ ފުޓުބޯލައިގެ ބެލެނިވެރި ފަރާތް، ކޮންމެބޯލް އާއި ގުޅިގެން، ދެބައްރުގެ ފުޓުބޯޅަ އަދި ފުޓްސަލް ކުރިއެރުވުމަށް ހެދި އެމްއޯޔޫ އެއްގެ ދަށުން ކުޅޭ ހާއްސަ ޝަރަފުވެރި މެޗެކެވެ.

މިއީ މިހާތަނަށް ކުޅޭ ތިންވަނަ ފިނަލިސީމާ މެޗެވެ. އެންމެފުރަތަމަ މެޗުގައި އާޖެންޓީނާ އިން ޑެންމާކުގެ މައްޗަށް ކުރިހޯދިއިރު، 1985 ވަނަ އަހަރު ކުޅުނު މިފަދަ ދެވަނަ މެޗުގައި ފްރާންސް އިން ވަނީ ޕެރިސްގައި 0-2 އިން އުރުގުއާއިގެ މައްޗަށް ކުރިހޯދާފައެވެ.

ދެ ބައްރުގެ ޗެމްޕިއަނުންގެ ވާދަވެރި ކުރިމަތިލުން ފެނިގެންދާ ފިނެލިސިމާ މެޗުގައި ފުޓުބޯޅައިގެ ބޮޑު ދެބާރުގެ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 23:45 ގައެވެ. މެޗު ކުޅޭނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ވެމްބްލީ ސްޓޭޑިއަމުގައެވެ.