ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން އަންގާފައިވާ ފަދައިން، މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލަން ނެރޭއިރު، ނެރެންވާނީ ވަކިކޮށްގެން ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ން ވަނީ ނިންމާފައެވެ. ވެމްކޯއިން ވަނީ ކުނި ވަކިކުރާނެ ގޮތުގެ މައުލޫމާތުވެސް މީސް މީޑިއާގައި ހިއްސާކޮށްފައެވެ.
ކުނި ވަކިކޮށްގެން ނެރެން ޖެހެނީ، ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ އިތުރުން ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލުއިވާނެ ގޮތަކަށް ވިސްނާފައި ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.
މި މަސައްކަތް ފެށުން އިއުލާން ކުރުމަށް ވެމްކޯ އަދި އެންވަޔަރަމެންޓް މިނިސްޓްރީން ގުުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އައިމިނަތު ޝައުނާ ވަނީ، ކުނި ވަކިކުރުމަށް ވެމްކޯގެ މުވައްޒަފުން އެތައް ވަގުތެއް ހޭދަކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަދި މިކަަމަށް އެންމެ ފަސޭހަައިން ގެނެވޭނެ ހައްލަކީ ކުނި އުފެެދޭ ހިސާބުން ވަކިކުރުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކުނި ވަކިކުރުމަށް ނިންމާފައި ވަނީ ތިން ބަޔަކަށެވެ. އެެއީ ކުނިވާ ޒާތުގެ ކުުންޏާއި، ޕްލާސްޓިކް ފުޅި ކުނި އަދި އެހެނިހެން ކުންޏެވެ.
އެގޮތުން އެ ކުންފުނިން ބުނީ މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެން ކަމަށެވެ. އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެން ކަމަށް ވެމްކޯން ބުނެފައިވެއެވެ.
ކުނިވާ ޒާތުގެ ކުނީގެ ތެރޭގައި، ހިމެނެނީ ބޭނުންކޮށްފައި އުކާލާ ޓިޝޫފަދަ ތަކެއްޗާއި، ކުނިވެފައި ހުންނަ ކާނާގެ ބާވަތްތަކާއި ފަތްކުނި އަދި، ނެޕީއާއި ޕެޑު ފަދަ ތަކެއްޗެވެ. ޕްލާސްޓިކް ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅިއާއި ދަޅުފަދަ ތަކެއްޗެވެ.
އެހެނިހެން ކުނީގެ ތެރޭގައި، ގެއިން އުކާލާ ފޮށިގަނޑުތަކާއި، ދަގަނޑުގެ އެކި ބާވަތްތަކާއި، ބިއްލޫރި، އަދި ޕްލާސްޓިކްގެ ބައެއް ބާވަތްތައް ހިމެނެއެވެ. ބިއްލޫރި އުކާއިރު ހުންނަންވާނީ އޭގެ ސަބަބުން މީހުންނަށް ގެއްލުން ނުވާނޭހެން ބަންދުކުރެވިފައި ކަމަށް ވެމްކޯން ބުނެފައިވެއެވެ.
މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުން ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި، މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް ވަކިކޮށްގެން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ 'ކޯލް އެންޑް ޕިކަޕް' ޚިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް ވެމްކޯން ބުނެފައިވެއެވެ.
ވެމްކޯން ބުނި ގޮތުގައި، ކުނި އުކާލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން އެފަދަ ކުނި ކުލީ ޕިކަޕުގައި ސައިޓަށް ގެންގޮސް ވެސް އުކާލެވޭނެ ކަމަށެވެ.