ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައިމިވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން އުކާލާ ކުނި، ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވަނިކޮށެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރީސައިކަލް" ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރަންވާނީ ޕްލޭން ކުރުމަށްފަހުގައި ކަމަށެވެ.

އަދި ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުގެ ޚަރަދުގަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭން ވާނެ ކަމަށް ބުނެ ބައެއް އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިނަމަވެސް ތިމާވެއްޓާ ރައްޓެހި "ސްޓާޗް ކޮތަޅު" ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ސްޓާޗް ކޮތަޅަކީ 3 މަސް ދުވަހުގެ ތެރޭގައި ނެތިފަތާނެވެގެން ދާނެ ފަދަ ގޮތަކަށް، އުފައްދާފައިވާ ކޮތަޅެކެވެ.

މާލެ ސަރަހައްދުގެ ގޭބީސީތަކުން 3 ބަޔަކަށް ކުނި ވަކިކޮށް ނެރެންޖެހޭ ގޮތަށް ސަރުކާރުން ނިންމާފަވާއިރު ކުނީގެ ބާވަތްތައް ބަންދުކުރުމުގައި އެއް ބާވަތް އަނެއް ބާވަތުގެ ކުންޏާ އެއް ނުވާނޭހެން، ވަކިވަކި ކޮތަޅުގައި ބަންދުކުރުމަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ކުނި ވަކި ކުރުމަށްފަހު ނެރުމާއި އުކާލުމުގެ މަސައްކަތަކީ ޒަމާންތަކެއްވީ ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން ގާތްގަޑަކަށް 1200 ޓަނުގެ ކުނި ތިލަފުއްޓަށް ޖަމާކުރަމުންދާ ކަމަށާއި މިހާރު ކުނިތައް ވަކި ކުރަމުން އަންނަނީ ވެމްކޯގެ މުވައްޒަފުން އެތަކެތި ތިލަފުއްޓަށް ގެންގޮސްގެން ކަން މިނިސްޓަރ ވަނީ ދާދި ފަހުން ފާހަގަކުރައްވާފައެވެ.

އަދި ކުނިތައް މިހާރު މެނޭޖްކުރަމުންދަނީ މެޝިނެއްގެ އެހީގައި ކުނިތައް އެއްކޮށް ފިއްތާލުމަށްފަހު ކުނިތައް ޕެކްކޮށްލުން ނުވަތަ ބެއިލްކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތިލަފުށީގައި 30 އަހަރުވީ ކުނި ފަރުބަދައިން އަރާ ކަޅު ބޯ ދުން އެރުން މިހާރު ވަނީ ހުއްޓުވާފައެވެ.