އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭގެ ކުއްލި މަރާއެކު ބޮލީވުޑްގެ ގިނަބަޔަކަށް ސިހުން ލިބިގެންދިޔައިރު އަދިވެސް އޭނާގެ ގާތް މީހުންތިބީ ޝޮކެއްގައެވެ.
ލޯބީގެ ރީތި ލަވަތަކެއް ކިޔާފައިވާ ކޭކޭ މަރުވެފައިވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ކޮލްކަތާގެ ނަޒްރުލް މަންޗުގައި ޝޯވްއެއް ހުށަހަޅަން ހުއްޓައެވެ.
ޝޯވް ފެށުމުގެކުރިންވެސް ހަށިގަނޑަށް އުނދަގޫތަކެއް ވާކަމަށް ކޭކޭ ބުނެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ޝޯވް ނިންމާލުމަށްފަހު އެނބުރި ހޮޓަލަށް ގޮސް އޭނާގެ ޙާލު މާބޮޑަށް ދެރަވާން ފެށުމުން އިމަޖަންސީގައި ކޭކޭގެ ޓީމުންވަނީ ކޮލްކަތާގެ ސީ.އެމް.އާރް.އައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނަމަވެސް ޢުމުރުން 53 އަހަރުގެ ލަވަކިޔުންތެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ކޭކޭ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ކޭކޭގެ އެންމެފަހުގެ ސޯޝަލް މީޑީއާ ޕޯސްޓުގައިވެސް އޭނާގެ ޕާފޮމެންސް ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވަނީ އޭނާގެ ފޭނުންދެކެ ވަރަށް ލޯބިވާކަމަށެވެ.
ކޭކޭގެ ކުއްލި މަރާއެކު އޭނާގެ ގާތް އެކުވެރިންގެ އިތުރުން އާއިލާގެ މީހުންނަށްވަނީ ފުން ހިތާމައެއް ލިބިފައެވެ.
ބޮލީވުޑް ތަރިންގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ކޭކޭގެ މަރާގުޅިގެން ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
މިހާތަނަށް ކޭކޭގެ އަޑުން ކިޔާފައިވާ ގިނަ ލަވަތަކަކީ ގިނަ ބަޔަކު ޖަޒްބާތުގައި ޖައްސުވައިދީފައިވާފަދަ ރީތި ލަވަތަކެއްކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.
އިންޑިއާގެ މިއުޒިކް ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރެއިން ކޮމްޕޯސަރ ރާޖޭޝް ރޯޝަން، ވިޝާލް ދަދްލާނީ އަދި އަރްމާން މަލިކްވެސްވަނީ ކޭކޭގެ ކުއްލި މަރާއިގުޅިގެން ހިތާމަ ފާޅުކޮށް ޢާއިލާއަށް ތައުޒިޔާގެ މެސެޖް ފޮނުވާފައެވެ.
ތަފާތު އެކި އޯޑިއަންސްތަކަށް ލަވަކިޔާފައިވާ ކޭކޭއަކީ ހިންދީ ފިލްމުތަކުގެ އިތުރުން ތަމަޅަ، އަދި ތެލުގޫ ފިލްމުތަކަށްވެސް ލަވަކިޔައިދީފައިވާ ފަންނާނެކެވެ.
ކޭކޭ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެންދިޔައީ އޭނާ ފުރަތަމަ ބޮލީވުޑަށް ކިޔައިދިން ލަވަ ފިލްމު "ހަމް ދިލް ދޭޗުކޭ ސަނަމް" ގެ ލަވަ "ތަޅަޕް ތަޅަޕް" މި ލަވައިންނެވެ.
އޭގެ ފަހުން އޭނާގެ ލަވަތަކަށް އިންތިޒާރުކުރާ މީހުން ގިނަވެ ކެރިއަރުގައި ކާމިޔާބީއަކަށްފަހު ކާމިޔާބީއެއް ކޭކޭ ދިޔައީ ހާސިލު ކުރަމުންނެވެ.
އެހެންކަމުން އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކު ބުނެފައިވަނީ ކޭކޭ މަރުވިޔަސް އޭނާގެ ހަނދާންތައް ދުވަހަކުވެ ފޮހެވިގެން ނުދާނެ ކަމަށެވެ. ސަބަބަކީ ކޭކޭ ގެނެސްދީފައިވާ ރީތި މިއުޒިކާއި ލަވަތަކުގެ ޒަރީއާއިން އޭނާގެ ހަނދާންތައް އަބަދުވެސް އާވަމުންދާނެތީއެވެ.
ކޭކޭގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި، ފިލްމު "ޖަންނަތު" ގެ "ޒަރާސަ ދިލްމޭ ދޭ ޖަގާތޫ"، ޚުދާ ޖާނޭ"، "ދިލް އިބާދަތް" އަދި "ސަޗް ކެހެރާހެ" ހިމެނެއެވެ.
ކޭކޭ މަރުވިއިރު އޭނާގެ އަންބަކާއި 2 ކުދިން އެބަތިއްބެވެ.