ފިލްމު "ބޫލް ބުލައްޔާ-2" އަށް ވިޔަފާރީގެގޮތުން ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ ސިގްނަލް ލިބިފައިވަނިކޮށް، އެކްޓަރު ކާތިކް އަރްޔަން ފިލްމު ކުޅެދޭ އަގަށް ބަދަލު ގެނެސްފައިވާކަމުގެ އަޑުތައް އެކްޓަރު ދޮގުކޮށްފިއެވެ.
ފިލްމު ރިލީޒްކުރިތާ އެންމެ 9 ދުވަސްތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާ ހަފްތާ ބަންދުގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމުގެ މަގާމު "ބޫލް ބުލައްޔާ-2" ހޯދާފައިވާއިރު ފިލްމު މިހާރުވަނީ 100 ކްރޯޑް ކްލަބަށް ވަދެފައެވެ.
ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުމާގުޅިގެން މެއިން ކެރެކްޓަރ ކާތިކް އާރްޔަން ބުނެފައިވަނީ އޭނާގެ ފިލްމީ ކެރިއަރަށް ޕްރޮމޯޝަނެއް ލިބުނު ނަމަވެސް ފިލްމު ކުޅެދޭ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.
މިފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ރިޕޯޓަރަކު ސުވާލުކުރުމުން ކާތިކް ބުނެފައިވަނީ ފިލްމީ ދުނިޔެއަށް ކޮވިޑާއި ގުޅިގެން ބަދަލުތަކެއް އައިސްފައިވާ މިދަނޑިވަޅުގައި، އެންމެ 9 ދުވަސްތެރޭ 100 ކްރޯޑް ފިލްމަށް ލިބުމަކީ އެކްޓަރެއްގެ ހައިސިއްޔަތުން ގަބޫލުކުރަން ދަތި އިހްސާސެއް ކަމަށެވެ.
މިފިލްމަށް ބެލުންތެރިންގެ ލޯބި ލިބޭނެކަމަށް ކުރިންވެސް ގަބޫލުކުރި ކަމަށާއި އެހެންނަމަވެސް މިހާބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ކުރިން އުއްމީދުނުކުރާ ކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.
"ބޫލް ބުލައްޔާ-2" އަށް މިހާބޮޑު ކާމިޔާބީއެއް ލިބިގެންދިއުމުގެ އަސްލަކީ 3 އަހަރުވަންދެން ފިލްމުގެ ކްރޫ ކޮށްފައިވާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ކާތިކްވަނީ ބުނެފައެވެ.
ފިލްމު "ބޫލް ބުލައްޔާ-2" އަކީ ކާތިކްގެ ފިލްމީ ކެރިއަރުގެ ދެވަނަ 100 ކްރޯޑް ފިލްމުވެސްމެއެވެ.
މީގެކުރިން އޭނާ ކުޅުނު ފިލްމު "ސޯނޫކޭ ޓިޓޫކީ ސްވީޓީ" އަކީ ކާތިކްގެ ވިދުން ބެލުންތެރިންގެ މެދުގައި ގަދަވެ އޭނާގެ ކެރިއަރުގެ ފުރަތަމަ 100 ކްރޯޑް ހޯދި ފިލްމެވެ.
ކާތިކްގެ ކުރިޔަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭގައި، ފިލްމު "ޝެހްޒާދާ"، "ކެޕްޓަން އިންޑިއާ"، "ފްރެޑީ" އަދި ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާއާއެކު މަސައްކަތްކުރާ ފިލްމެއް ހިމެނެއެވެ.