ދިރާގުން ހިންގާ، އެޕްރެންޓިސްޝިޕް ޕްރޮގުރާމްގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މި އަހަރުގެ "އިންޓޭކް" އަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ދިރާގުން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އޭލެވެލް ފުރިހަމަކޮށްފައިވާ ފުލްޓައިމް ވަޒީފާއެއްގައި ނޫޅޭ ކުދިންނަށް ކަމަށެވެ.
ދިރާގުގައި އިންޓާނަލީ އެކި ދާއިރާތަކުން ތަމްރީން ވާން ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެލަވަންސެއް ލިބޭނެއެވެ.
ތަމްރީންވާން ފުރުސަތު ދޭ ދާއިރާތަކަކީ، ކޯޕްރޭޓް ހިދުމަތް، ކްރެޑިޓް ކޮންޓްރޯލް އެންޑް ކަލެކްޝަން އަދި މާކެޓިން ކޮމިޔުނިކޭޝަންސް އެންޑް ޕީއާރެވެ.
މިޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 9 ވަނަ ދުވަހުގެ މެންދުގެ 2:00 އިން 4:00 އާ ދެމެދު އިންޓަވިއު ކުރާނެއެވެ. އިންޓަވިއުއަށް އަންނައިރު ސީވީއަކާއި ތައުލީމީ ލިއުންތައް ގެންދަން ޖެހޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.
އެ ކުންފުނިން 2009 ވަނަ އަހަރުން ފެށިގެން ހިންގާ މި ޕްރޮގްރާމުން ތަމްރީންވި ގިނަ ކުދިން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރާކަން ފާހަގަކޮށްލަންޖެހެއެވެ.