ކާބޯތަކެތީގެ ދާއިރާއަށް އަމާޒުކޮށްގެން ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ފުޑް އެންޑް ބެވެރޭޖް (އެފްއެންޑްބީ) ޝޯވގެ ފަސްވަނަ އެޑިޝަންގައި ވިލާ ހަކަތަ އަދި ވިލާ މާޓްގެ ޕްރޮޑަކްޓްތައް ދައްކާލަން ފަށައިފިއެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކުގައި މިއަދު ފެށި، ފަސްވަނަ އެފްއެންޑްބީ ޝޯވގައި ހުރި ވިލާ ޓްރޭޑިންގެ ސްޓޯލްގައި މައިގަނޑު ޕްރޮޑަކްޓްތަކަށް ހުރީ ވިލާ މާޓުން ވިއްކާ އެކްސްކުލޫސިވް ޕްރޮޑަކްޓްތަކާއި ވިލާ ގޭހުގެ ޕްރޮޑަކްޓްތަކެވެ.

އެފްއެންޑްބީ ޝޯވއަކީ ދިވެހިންގެ ރަހަތައް ހެޔޮވަރުކޮށްދޭ ވަކިވަކި ކާބޯތަކެތީގެ އެންމެ ގިނަ ބާވަތްތައް ދައްކުވައިދޭ އަދި ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ވަކި ވިޔަފާރިތައް އެއްތަންކުރުވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

'އެފްއެންޑްބީ ޝޯވ 2022' ރަސްމީކޮށް ފަށްޓަވައިދެއްވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.

އެ ޝޯވ ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު މައުސޫމް ވަނީ ޝޯގައި ބައިވެރިވާ ވިޔަފާރިތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ދައްކާލަން ބަހައްޓާފައި ހުރި ޕްރޮޑަކްޓްތައްް ބައްލަވާލައްވާފައެވެ.

އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އެ ތަނުގައިހުރި ވިލާ ޓްރޭޑިންގެ ސްޓޯލަށެވެ.

އެ ސްޓޯލްގައި ހުރި ފާހަގަކޮށްލެވޭ ހާއްސަ އެކްސްކުލީސިވް އައިޓަމްތަކުގެ ތެރޭގައި، މެދުއިރުމަތީ ގައުމުތަކުގައިގެ އެއް ނަންބަރު ޑެއިރީ ސަޕްލަޔަރ އަލްމަރައިގެ އުފެއްދުންތަކާއި ރާއްޖޭގެ މާކެޓަށް އާ ވައްތަރެއްގެ ޗޮކްލެޓެއް ކަމަށްވާ "ޓޯނީޒް" އަދި "ރޯސްޓަރ" ބްރޭންޑް ލުއިކާނާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ "އެޓީ" ފަދަ ބްރޭންޑްތަައް ފާހަގަކޮށްލެވެއެވެ.

މި ހުރިހާ ޕްރޮޑަކްޓެއް ހިލޭ އަޖުމަ ބަލާލުމުގެ ފުރުސަތު އެފްއެންޑްބީ ޝޯވގައި ހުރި ވިލާގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެފްއެންޑްބީ ޝޯވް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

ހައިރައިޒްގެ ފުޑް އެންޑް ބެވެރޭޖް ޝޯވގެ ހަރަކާތުގައި 30 ވިޔަފާރިއަކުން ބައިވެރިވެއެވެ.

ވިލާ ޓްރޭޑިންއަކީ މިއަހަރުގެ އެފްއެންޑްބީ ޝޯވގެ ކޯ-ސްޕޮންސަރެކެވެ. މިއަހަރުގެ އެފްއެންޑްބީ ޝޯވގެ މެއިން ސްޕޮންސަރަކީ ނެސްލޭއެވެ.