ނަން ރީބްރޭންޑްކޮށް ތުރުކީގެ ރަސްމީ ނަން ބަދަލުކޮށްފިއެވެ.

ތުރުކީ ސަރުކާރުން ރަސްމީގޮތުން އެދި ހުށަހަޅައިގެން އދ ޖަމާއަތުގެ ލިސްޓުގައިވެސް ތުރުކީން ހުށަހެޅި ނަން މިހާރުވަނީ ހިމަނާފައެވެ.

ތުރުކީގެ ރަސްމީ ނަމެއްގެ ގޮތުގައި އިނގިރޭސިބަހުން މިހާތަނަށް ކިޔަމުން އައީ "ރިޕަބްލިކް އޮފް ޓާރކީ - Republic of Turkey" އެވެ.

އެހެން ނަމަވެސް، ތުރުކީގެ ހުށަހެޅުމަށް އިނގިރޭސި ބަހުންވެސް އަދި އެހެން ބަހަކުން ވިޔަސް، ކިޔާ ރަސްމީ ނަމެއްގެގޮތުގައި ހަމަޖެހުނީ "ރިޕަބްލިކް އޮފް ތުރްކިޔޭ - Republic of Türkiye" އެވެ.

"ތުރްކިޔޭ" އަކީ ތުރުކީ ބަހުން އެގައުމަށް ކިޔާ ނަމެވެ.

އދގެ ތަރުޖަމާނު ސްޓެފަން ޑުހަރިޗް ވިދާޅުވީ، އދގެ އޮނިގަނޑުން ތުރުކީގެ ނަން ބަދަލުކޮށް ދިނުމަށްއެދި ތުރުކީގެ ޚާރިޖީ ވަޒީރު ފޮނުއްވި ސިޓީފުޅެއް ބުދަދުވަހު އދއަށް ލިބިފައިވާ ކަމަށާއި، ސިޓީ ލިބުނު ހިސާބުން އެއަށް އަމަލުކުރަން ފެށުނީ ކަމަށެވެ.

ތުރުކީގެ ނަން، އިނގިރޭސި ބަހުން ކިޔާ ނަމުގެ ބަދަލުގައި ތުރުކީ ބަހުން ކިޔާ ނަމަކަށް ރަސްމީގޮތުން ބަދަލުކުރުމުގެ މަސައްކަތް ތުރުކީ ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ ނަން ބޭނުންކޮށްގެން ވަރުގަދަ ޓުއަރިޒަމް ކެމްޕެއިނެއްވެސް ޑިސެމްބަރުމަހު ފެށިއެވެ.

އޭގެކުރިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންވަނީ، އާންމުކޮށް ވާހަކަ ދައްކާ އުޅުމުގައި ގައުމުގެ ނަން ބޭނުންކުރާއިރު "ތުރްކިޔޭ" ބޭނުން ކުރުމަށް އާންމުންގެ ކިބައިން އެދިވަޑައި ގެންފައެވެ.

"ތުރްކިޔޭ އަކީ ރައްޔިތުން ތަމްސީލުކުރުމާއި، ގައުމުގެ ޘަގާފަތް އަދި ވެލިއުސް ރަމްޒުކޮށްދޭ އެންމެ ފުރިހަމަ ނަން"
ރަޖަބް ތައްޔިބް އުރުދުޣާން

ތުރުކީގެ ގިނަ ރައްޔިތުން މިހާރުވެސް ކިޔައި އުޅެނީ "ތުރްކިޔޭ" ކަމަށް މީޑިއާއިން ބުނެއެވެ. އެކަމަކު، އިނގިރޭސި ނަން ބޭނުންކުރާ މީހުންވެސް މަދު ނޫންކަމަށް ވެއެވެ.

ތުރުކީގެ ނަމަށް ގެނައި ބަދަލު އދއިން ގަބޫލުކޮށް ރަސްމީގޮތުން ބަލައިގަތުމާ ގުޅިގެން، ދުނިޔޭގެ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް އެގައުމުގެ ނަން ބަދަލުކުރުމަށް އަންގާނެ ކަމަށް ވެއެވެ.

ގައުމުތަކުގެ ރަސްމީ ނަންތައް ބަދަލުކުރުމަކީ އައު ކަމެއް ނޫނެވެ. 2020 ވަނަ އަހަރު ހޮލެންޑް ރީބްރޭންޑްކޮށް ރަސްމީ ނަމަކަށް ނެދަރލޭންޑްސް ހަދާފައި ވެއެވެ. ގްރީސްއާއެކު ހިނގި ސިޔާސީ އަރާރުމާހެދި މެސެޑޯނިއާއިން އެގައުމުގެ ރަސްމީ ނަމަކަށް ނޯތު މެސެޑޯނިއާއަށް ބަދަލު ކޮށްފައި ވެއެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ސްވާޒިލޭންޑްގެ ނަން 2018 ވަނަ އަހަރު އެސްޓިނީއަށް ބަދަލުކޮށްފައި ވެއެވެ.

ދުރު ތާރީޚަށް ޖެހިލާއިރު، ޕާރޝިއާއަކީ މިހާރު އީރާނެވެ. ސިއަމްއަކީ ތައިލޭންޑެވެ. ކުރިން ރޮޑޭޝިއާއަކީ މިހާރު ޒިމްބާބުވޭއެވެ.