މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 700،000 އިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 706،468 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިޔާއިންއެވެ. އިންޑިޔާއިން ރާއްޖެއަށް 99،614 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 88،043 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންއެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ޖަރމަނީ، ރަޝިޔާ، ޔޫކްރެއިން، އިޓަލީ އަދި ފްރާންސެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،185 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ، 170 ރިސޯޓާއި، 861 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެވެ. މިއީ 54،852 ބެޑް ކެޕޭސިޓީއެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެ ގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 97.5 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ސަރުކާރުގެ މި އަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.