ދުނިޔޭގެ ތިމާވެށީގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ތިމާވެށްޓާއިބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލްއާ ފުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ފުވައްމުލަކުގައި ފަށައިފިއެވެ.

އެގޮތުން އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ބާއްވައިފައި ވަނީ 02 ޖޫން 2022 ވަނަ ދުވަހުގެ ރޭގަނޑު 08:30 އިން 09:30 އަށް ގްޜޭޑް 5، 6 އަދި 7ގެ ދަރިވަރުންނަށް އެވެއަރނެސް ސެޝަންތަކެކެވެ.

މި ސެޝަންތައް ކުރިއަށް ގެންދިޔައީ ތިމާވެށީގެ އެކި ދާއިރާތަކުގެ މަޢުލޫމާތު ހިއްސާކޮށް އިންޓަރެކްޓިވްކޮށެވެ.

މީގެ އިތުރުން 03 ޖޫން 2022 ވަނަ ދުވަހު "އޮންލީ ވަން އާތް ކިޑްސް ފެސްޓް"ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް ހަވީރު 04:00 އިން 06:00 އަށް ފުވައްމުލައް ޔޫތް ސެންޓާރ ގައި ބާއްވާފައި ވެއެވެ.

ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މި ފެސްޓިވަލުގައި ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ މުއައްސަސާތަކާއި ސްކޫލްތަކުގެ އިތުރުން މިނިސްޓްރީ އޮފް އެންވާރަންމަންޓްގެ ސްޓޯލުތަކުގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދެވިފައިވަނީ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަތަކާއި މެދު ކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ތިމަވެށީގެ ދުވަސް ފާހަގަކުރުމަށް މިއަދު ވެސް އެ ސިޓީގައި ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ގޮތުން، މިއަދު ހެނދުނު "އޮންލީ ވަން އަރތް ރަން"ގެ ނަމުގައި 5 ކިލޯ މީޓަރުގެ ދުވުމެއް ބާއްވާފައި ވެއެވެ. މި ދުވުމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 250 މީހުން ބައިވެރިވިއެވެ.

މިއަދު ހަވީރު 04:45ގައި ރާއްޖޭގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވށ ނޯ މޮޓޯރ ވެހިކަލް އަވަރ ބައިސިކަލް ބުރެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައިސިކަލް ބުރު އެއް ވަގުތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެއެވެ.

ފަހު ކަމެއްގެ ގޮތުން ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ 09:00ގައި ފުވައްމުލައް ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ތިމާވެށި ދުވަހުގެ މައިގަނޑު ޝިޔާރު ގޮތުގައި ހަމަޖެހިފައި ވަނީ "އޮންލީ ވަން އާރތް"އެވެ.