ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ވިލާ ގުރޫޕުން އިސްނަގައިގެން ތިލަފުށީގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދިޔަ ހުކުރު ދުވަހުގެ ހެނދުނާއި މެންދުރު ކުރިއަށް ދިޔަ މި ހަރަކާތުގައި ވިލާ ގުރޫޕުގެ ކުޑައިގެ ދަށުގައި ހިމެނޭ އެކިއެކި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒިފުން ބައިވެރިވެފައި ވެއެވެ.

މި ހަރަކާތުގައި، ހައުސިން ޑެވެލޮޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންތަކެއް ވެސް ބައިވެރިވެފައި ވެއެވެ.

މި ހަރަކާތުގައި، ތިލަފުށީގެ އެކިއެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ޕްލާސްޓިކާއި އެހެނިހެން ކުނި ނަގައި ޖަމްބޯ ބޭގްތަކަށް އަޅާފައި ވެއެވެ. އަދި ބައެއް ސަރަހައްދުތައް ކުނި ކަހައި ސާފުކޮށްފައި ވެސް ވެއެވެ.

އެގޮތުން، ވިލާގެ މި ހަރަކާތުގައި ތިލަފުށީގެ ބައެއް މަގުތަކާއި ގޮނޑުދޮށް ސާފުކޮށްފައި ވެއެވެ.

ވިލާއިން ތިލަފުށީގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތް

މިހަރަކާތުގައި ތިލަފުށީގައި ހުންނަ ވިލާ ހަކަތައިގެ ސައިޓުން އެކަނި ވެސް 150 މީހުން ބައިވެރިވެފައި ވެއެވެ. އަދި ޖުމުލަ 400 އެއްހާ މީހުން ސާފުކުރުމުގެ މި ހަރަކާތުގައި ބައިވެރިވިއެވެ.

ވިލާ ހަކަތައިގެ އޮފިޝަލަކު ވިދަޅުވީ މި ފަދަ ހަރަކާތެއް ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

އެ ގޮތުން ވެމްކޯ، އެޗްޑީސީ އަދި ވަކިން ހާއްސަކޮށް މާލޭން ތިލަފުށްޓަށް މުވައްޒަފުން ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސައިދިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ނަން ފާހަގަކުރިއެވެ.

މިއަހަރުގެ ތިމާވެށި ދުވަހުގެ މައިގަނޑު ޝިޔާރު ގޮތުގައި ހަމަޖެހިފައި ވަނީ "އޮންލީ ވަން އާރތް" އެވެ.

ތިމާވެށީގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ އެފަދަ މައްސަލަތަކަށް ހައްލު ހޯދަން އދ. އިން ތިމާވެށީގެ ދުވަސް ފާހަގަކުރާތާ މިއީ 49 ވަނަ އަހަރެވެ.

އެންމެ ފުރަތަމަ 1973 ވަނަ އަހަރު ފާހަގަކުރެވުނު މި ދުވަހަކީ ކަނޑުގެ ތަޣައްޔަރުކަމާއި، އާބާދީ އިތުރުވުމާއި، ދުނިޔެ ހޫނުވުމާއި، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގެ އިތުރުން އެހެނިހެން ތިމާވެށީގެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.