ކުރިއަށްއޮތް ދުވަސްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް ތިންއިރު ކާނޭ އެއްޗެއް ނުލިބިދާނެ ހާލަތަށް ގައުމުގެ ކަންކަން ހިނގައިދާނެ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންޒާރު ކުރައްވައިފިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު މިއިންޒާރު ދެއްވީ، ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، އިގްތިސާދު އިތުރަށް ހީނަރުވެ، ވަޒީފާ ލިބުން ހައްތަހާ ދަތިވެ ބޮޑެތި އަދި ކުދި ވިޔަފާރިތައްވެސް ހުއްޓެމުންދާނެ ކަމަށެވެ. ކަންކަން މިގޮތަށް ބަދަލުވަމުންދާއިރު، ސްރީލަންކާގެ ރައްޔިތުންނަށް ތިންއިރު ކާނޭ އެއްޗެއް ނުލިބޭނޭ ވަގުތުވެސް އަތުވެދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ބޮޑުވަޒީރު ވިދާޅުވީ، ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިޘާގެ އެންމެބޮޑު ގެއްލުންތަކާ ކުރިމަތިވުން ކުރިއަށް އޮތީ ކަމަށެވެ.
އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީ ކުރިން ހޯދަން މަސައްކަތް ކޮށްފައިނުވާތީ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ކުރީގެ ސަރުކާރު ކުށްވެރި ކުރައްވާފައެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ މޫސުން އަންނަވާއިރަށް ގަސްކާނާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، އެތަކެތި ލިބި، ދަނޑުވެރިކަންކޮށް ސްރީލަންކާއަށް އަމިއްލަ ހާލާއިގެން އުޅެވޭވަރު ވާނީ އަންނަ އަހަރުގެ ފެބްރުއަރީހާ ތާނގައި ކަމަށްވެސް ރަނިލް ވިކްރަމަސިންހަ ވިދާޅުވިއެވެ.
ސްރީލަންކާއަށް މިއަހަރުގެ ތެރޭގައި ދިމާވާންއުޅޭ ބަނޑުހައިހޫނުކަމުން އަމިއްލައަށް ސަލާމަތް ނުވެވޭނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
އެހެންވެ، ސްރީލަންކާ އަމިއްލައަށް މީގެކުރިން ދުރުހެލިވެގެންފައިވާ މީހުންނާއި، ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް ރަނިލް ވިދާޅުވިއެވެ. އެމީހުންގެ ގާތަށް ދާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ، ސްރީލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ މިވަގުތުގައި އިންޑިއާ އަދި ޗައިނާފަދަ ގައުމުތަކުން ވެދެމުންގެންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.