މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ސައުދީ އަރަބިއްޔާއިން ބޭރުން ބައިވެރިވާ ފުރަތަމަ ގްރޫޕަށް ސައުދީ އަރަބިއްޔާއިން ހޫނު މަރްހަބާއެއް ކިޔައިފިއެވެ.

ހައްޖުގެ އަޅުކަމަށް ގައުމުން ބޭރުން ސައުދީ އަރަބިއްޔާއަށް މިއަދު ގޮސްފައިވަނީ އިންޑޮނޭޝިޔާގެ ހައްޖުވެރިންގެ ގްރޫޕެކެވެ.

މިގްރޫޕްގެ މެމްބަރުންނަށް މަދީނާ އެއަރޕޯޓުން މަރްހަބާ ކިޔާފައިވަނީ ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ އިސް އޮފިޝަލުންނެވެ.

އިންޑޮނޭޝިޔާއިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މުސްލިމުން ސައުދީ އަރަބިއްޔާއަށް މިއަދު ދާން ފަށާފައިވާއިރު، ދެން އެންމެ އަވަހަށް އަންނަން ފަށާނީ މެލޭޝިޔާ، އިންޑިއާގެ މުސްލިމުން ކަމަށް ސައުދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެއެވެ.

މިފަހަރަކީ، ކޮވިޑްގެ ބަލިމަޑު ހާލަތުގެފަހުން އާންމުކޮށް ހުޅުވާލައިގެން ހައްޖުގެ އަޅުކަން ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮވިޑާހެދި ވޭތުވެދިޔަ ދެއަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ މީހުންގެ އަދަދު ވަރަށް މަދުކޮށްގެންނެވެ.

އެގޮތުން، 2020 ވަނަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރި ކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އެތެރެއިން 1،000 މީހުންނެވެ.

2021 ވަނަ އަހަރު ބައިވެރިކޮށްފައިވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ސައުދީ ރައްޔިތުންނާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު 60،000 މީހުންނެވެ.

ދުނިޔޭގެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަމަށް ދަނީ ދުރާލާ ފައިސާ އެއްކޮށް، އެތައް އިންތިޒާރަކަށް ފަހުގައެވެ. އެހެންވެ، ވޭތުވެދިޔަ ދެއަހަރު ހައްޖަށް ދެވޭގޮތް ނުވުމުން މުސްލިމުން ތިބީ ވަރަށް ބޮޑަށް ނާއުންމީދު ވެފައެވެ.

ސައުދީ އަރަބިއްޔާގެ އެތެރެއިންނާއި އަދި ބޭރުން އެއް މިލިއަން މުސްލިމުންނަށް ހައްޖުގެ އަޅުކަމަށް އައުމަށް ފުރުސަތު ދިނުމަށް ނިންމައި ސައުދީ އަރަބިއްޔާއިން އެކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ދިމާވަނީ ކުރިއަށްއޮތް ޖުލައިމަހުގެ ކުރީކޮޅަށެވެ.

މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއިން ހުޅުވާލާފައިވަނީ، ވެކްސިން ފުރިހަމަކޮށްފައިވާ އަދި އުމުރުން 65 އަހަރުން ދަށުގެ މުސްލިމުންނަށެވެ. ސައުދީ އަރަބިއްޔާއިން ގަބޫލުކުރާ 10 ވެކްސިނެއްވެސް އިއުލާން ކޮށްފައި ވެއެވެ.

އެ 10 ވެކްސިނަކީ؛ ފައިޒަރ (2 ޑޯޒް)، މޮޑަނާ (2 ޑޯޒް)، އެސްޓްރަޒެނެކާ (2 ޑޯޒް)، ޖެންސެން (1 ޑޯޒް)، ކޮވޯވެކްސް (2 ޑޯޒް)، ނުވެކްސޮވިޑް (2 ޑޯޒް)، ސިނޮފާރމް (2 ޑޯޒް)، ސިނޮވެކް (2 ޑޯޒް)، ކޮވެކްސިން (2 ޑޯޒް) އަދި ސްޕުޓްނިކްވީ (2 ޑޯޒް) އެވެ.

މީގެއިތުރުން، ސައުދީ އަރަބިއްޔާއިން ބޭރުން ހައްޖަށް އަންނަ ހުރިހާ އެންމެން 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.